Advertisement
ކ. މާލެ
|
6 މާރޗް 2019 | ބުދަ 00:12
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި
އެމްޑީޕީ
ކުރީގެ ރައީސް ނަޝީދު
ކ. މާފުށީ ރައްޔިތުންނަށް މާފުށި އެކީ ދޭނެ: ނަޝީދު
ކައުންސިލްތަކާއި ގުޅިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ

ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނައުމަށް ކ. މާފުށީ ރައްޔިތުންނަށް މާފުށި އެކީ ދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފުށީގައި ކުރިއަށްދިޔަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން ކުރާ އެންމެ މުހިންމު އެއްކަމަކީ މާފުށީގެ މިލްކުގައި ހިމެނޭ ހުރިހާ ބިމަކާ، ހުރިހާ ރުށް ގަހަކާ، ފަޅުތެރޭގައިވާ ހުރިހާތަނެއް ރައްޔިތުންދިނުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، މާފުށި، މާފުށީ ރައްޔިތުންނަށް ދިނުމުން އެރައްޔިތުން ބޭނުންވާ ތަރައްގީ އެރަށަށް ގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ފާހަގަކުރައްވާފައިއެވަނީ އެމްޑީޕީގެ އެޖެންޑާ 19ގެ ތެރެއިން ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ރަށާއި، ރަށުގެ ފަޅު ހިމެނޭގޮތަށް ހުރިހާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ނިންމެވުމަށެވެ. 

މާފުށީ ފަޅުތެރެއިން ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ ނަޝީދު ވިދާޅުވީ ސަރުކާރުން ބިން ހިންކާނެ ދުވަހަކަށް އެރަށުގެ ރައްޔިތުން އިންތިޒާރުގައި ތިބޭކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ނަމަވެސް ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށެވެ. އަދި އަމިއްލައަށް އެމަސައްކަތް ކުރަން އެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކައުންސިލުން ހިންގަން ފެށުމުން ރަށުގެ ރައްޔިތުންނާއެކު މިމަސައްކަތް ކުރެވޭނެ ކަމަށާއި، ކައުންސިލުން މިމަޝްރޫއު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކުރުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

"ހަމައެކަނި ކައުންސިލުން ހައްދަވަން ޖެހޭނީ ޓެންޑަރެއް ނެރުއްވަން މިތަނުގައި ބިން ހިއްކާނެ ފަރާތެއް އެބަ ހޯދަމޭ، އެބަޔަކަސް މިވެނި އެއްޗެއް ދޭނަމޭ. ހިއްކާ ބިމުން ކޮންމެސް އެއްޗެއް ދެވިދާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގައި ތަނަވަސްކަން ގެނައުން ކަމަށާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ޕާޓީން ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭނެ ކަމަށެވެ. އެގޮތުން ކަރަންޓުގެ ޔުނިޓަށް ބެލުމެއް ނެތި ދެރުފިޔާ ބަޔަށް ކަރަންޓު އަގު ހެޔޮ ކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާފުށީގެ އާބާދީ ބޮޑުވެގެން އަންނައިރު، ތަރައްގީ ކުރާއިރު، އަންނަން އޮތް ޖީލްތަކަށް ވެސް ތަނަވަސްދިރިއުޅުމެއް ހޯދޭނެ ގޮތަށް އެރަށް ރައްދުކޮށްދޭން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް