Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 16:02
ފާތުމަގެ މައިންބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފާތުމަގެ މައިންބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕީއެސްއެމް
މޯލްޑިވް ގޭސް
މޯލްޑިވް ގޭސްގެ ޚާއްސަ އޮޑިޓް: ކުރީގެ ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް އެ ކުންފުނިން 2.5 މިލިއަން!
މަސްޖިދުލް ވާލިދައިންގެ ނަމުގައި  700 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭގޮތަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަދާނުގައި ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އަޅާފައިވާ މިސްކިތަށް މޯލްޑިވް ގޭސްގެ ނަމުގައި 2.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަސްޖިދުލް ވާލިދައިންގެ ނަމުގައި އިމާރާތްކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ރައީސް ޔާމީން ހުޅުވައިދެއްވި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. 

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވިދާޅުވީ މިސްކިތަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައި ކަމަށެވެ. އަދި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނު ތިނަދޫއަށް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިނަދޫ ގޭސް ޕްލާންޓް ހަދައި އިމާރާތުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ބަދަލުކޮށްފައި ވަނީ މިސްކިތް އެޅުމަށް ހުޅުމާލެ. 2.5 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެތަނަށް ވަނީ މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދު ކޮށްފައި. ލިޔެކިޔުންތަކާ އެކު ސާފު ހެކި އެބަހުރި،" ޝަޒައިލް ވިދާޅުވިއެވެ.

ތިނަދޫގައި ހަދާ ގޭސް ޕްލާންޓްގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ޝަޒައިލް ވިދާޅުވީ އެ ކުންފުނިން ސީއެސްއާރުގެ ނަމުގައި ގިނަ ފަރާތްތަކަށް ފައިސާ ބޭރުވެފައި އެބަހުރި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކީ ފާތިމްތު އިބްރާހީމްގެ ގާތް ބޭފުޅެއް ކަމަށްވާ އަބްދުﷲ މައުމޫން (މާނު) އެވެ. ޝަޒައިލް ވިދާޅުވީ އެ ކުންފުނީގެ އަމަލީ މަސައްކަތްތަކުގައި އުޅުއްވީ މާނު ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

ހުޅުމާލޭގައި ފާތިމަތު އިބްރާހިމް އިމާރަތްކޮށްފައިވާ މިސްކިތް -- ފޮޓޯ: ޓުވިޓަރ

މޯލްޑިވް ގޭހުގެ ޚާއްސަ އޮޑިޓެއް ކުރިއަށްދާ އިރު އެތަނުގައި ހިންގާފައިވާ ޖަރީމާތައް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އޮޑިޓް ނިމުނުހާ އަވަހަކަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ އޮޑިޓްގެ ތެރެއިން އެ ކުންފުނީގެ މެނޭޖަރަކު ވަނީ މި ހަފްތާގައި ސަސްޕެންޑް ކޮށްފައެވެ.

މިސްކިތް އަޅަން މޯލްޑިވް ގޭހުން ހަރަދުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނަމާދުކުރައްވަނީ -- ފޮޓޯ: ޕީއެސްއެމް

ރައީސް ޔާމީންގެ ވެރިކަމުގައި އަނބިކަނބަލުންގެ ނަމުގައި ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވެސް މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދުކުރި ކަމަށް ތުހުމަތުތައް ވަނީ ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތާނީ ކޭމްޕަށް މޯލްޑިވް ގޭހުން ފައިސާ ހޭދަ ކޮށްފައި ވަނީ އެންސްޕާގެ ނަމުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ކެމްޕޭނުގައި މޯލްޑިވް ގޭހުން ބޮޑު ހޭދައެއް ކުރި ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސަދަގާތު ފައުންޑޭޝަނުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދައްކާފައި ވަނީ ވެސް ދާދި ފަހުން ތަހުގީގު ފެށުމުން ކަން ވަނީ ހާމަވެފައެވެ. އެކަމަނާގެ ސަދަގާތު ފައުންޑޭޝަނުގެ ނަމުގައި ކާޑުގެ އިތުރުން ކަދުރާއި ޕެނެޑޯލު ފަދަ ތަކެތި ބަހާފައިވެއެވެ. މީގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރު ވެސް އެ ފައުންޑޭޝަންގެ ނަމުގައި ބެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެކަންތައްތަކުގައި ކަރަޕްޝަންގެ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 މާރޗް 2019 | އަންގާރަ 14:01
ބޮޑު ހުސޭނު
އެސޮރަ ގޭސް މޯޑިވްސް އަށް ވެއްދީވެސް ޖަރީމާހިންގަން. އަހަރު ނުވާނެ ސްޕޯރޓްސް 2 ކާރު ދެވަނަ އަނބިމީހާއަށް އެންމެ މިޒަމާނުގެ ފޮޓޯ ސްޓޫޑިއޯއެއް މިހެންގޮސް އެތައް މުއްސަދި ކަމެއް ވަނީ މިލްކުކޮއްފަ. މިމީސްމީހުންނަށް ހައްގު އަދަބު ނުދެވޭނަމަ މި ބަލިމަޑުކަން ދުވަހަކުވެސް ނައްތައެއް ނުލެވޭނެއެވެ. ކޮރަޕްޝަނަކީ ކުރައިމް އެއް ނޫން ކަމާއި އަދި އެއީ ޕްރޮފެޝަން އެއް ކަމަށް ގިނަ ދިވެހިންނަށް ވިސްނޭ ކަހަލައެވެ.