Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 13:00
މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް)
މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް)
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
އިދިކޮޅު ކޯލިޝަން އިން މަޖިލީހަށް ހުށަހަޅާ މައްސަލަތަކަށް، އެ ކޯލިޝަން މެމްބަރުން އެއްބާރުލުމެއް ނުލިބޭ!
ޕްރޮގްރެސިވް ކޯލިޝަނުން ވަޒީރާއި ސުވާލުކުރުމަށް ހުށަހެޅި މައްސަލައިގައި، އެ ކޯލިޝަނުން ވަޒީރާއި ސުވާލުކޮށްފައިވަނީ އެންމެ މެމްބަރެއް
އެމްޑީޕީގެ ހަ މެމްބަރުންވަނީ ވަޒީރާއި ސުވާލުކޮށްފައި

އިދިކޮޅު ޕްރޮގްރެސިވްކޯލިޝަނުން ހުށަހަޅާ މައްސަލަތަކަށް، އެކޯލިޝަނުގައި ހިމެނިވަޑައިގަންވާ މަޖިލިސް މެމްބަރުން އެއްބާރުލުން ނުދޭކަން ފާހަގަ ކުރެވިއްޖެއެވެ. 

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ސުވާލުކުރުމަށް ހުށަހެޅުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ  މަހިބަދޫ ދާއިރާ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގު(ޓޮމް) އެވެ. ޓޮމް މަޖިލީހަށް މާރިޔާ ހާޒިރުކުރީ ވަޒީރުންނާއި ސުވާލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން މާރިޔާއާ ސުވާލު ކުރުމަށެވެ.

މާރިޔާ މަޖިލީހަށް ހާޒިރުކޮށްފައިވަނީ  އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަރވިއުއެއްގައި "އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް" ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރު ހުށަހެޅުއްވި މައްސަލައަކަށްވީ ނަމަވެސް، މަޖިލިސް ތަޅުމުން ފެނިގެންދިޔައީ ސަރުކާރު މެމްބަރުން އެ މިނިސްޓަރާއި ސުވާލު ކުރެއްވި މަންޒަރެވެ. ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މާރިޔާ އާއި ސުވާލު ކުރުމަށް ރިޔާސަތުން ދެއްވި 15 މިނިޓްގެ ތެރެއިން އެމްޑީޕީ ހަ މެމްބަރުން ވަޒީރާއި ސުވާލު ކުރެއްވިއިރު، މައްސަލަ ހުށަހެޅުއްވި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން މާރިޔާ އާއި ސުވާލު ކޮށްފައިވަނީ، މައްސަލަ ހުށަހެޅުއްވި ޓޮމް ފިޔަވައި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެކަންޏެވެ.

މާރިޔާ އާއި ސުވާލުކުރަން ކަނޑައެޅުނު ވަގުތު ފަހަނައަޅައި ދިޔަފަހުން، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ  ބިލްތަކަށް ބަހުސްކުރެވުނު ވަގުތު ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.  އެކަމަށް ރައްދު ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަމިއްލަ ޕާޓީގެ މެމްބަރަށް ވެސް އަބްދުއްރަހީމް "ދޯކާ"ދީފައިވާ ކަމަށެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ވައްދާފައެވެ.

 

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އަދި ފޮނުއްވާފައި ނުވާނެ ކަމަށާއި މަޖިލީހުން ބަލަމުންދަނީ އެ މައްސަލަ ގަވާއިދަށް ފެތޭތޯ ކަމަށެވެ. މައްސަލައެއް ހުށަހެޅުމުން އަބަދު ވެސް އެ މައްސަލައެއް ގަވާއިދަށް ފެތޭތޯ މަޖިލީހުން ބަލާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް