Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 11:19
މިނިސްޓަރ މާރިޔާ
މިނިސްޓަރ މާރިޔާ
މުހައްމަދު ޝަރުހާން
ޑިފެންސް މިނިސްޓަރ
އަންހެނުން ޒިންމާދާރުވެރި މަގާމުތަކުގައި ތިބުމުން ބައެއް މެމްބަރުންނަށް ހަޖަމް ނުކުރެވޭ : ޑިފެންސް މިނިސްޓަރ
އަންހެނުންނަށް އިހްތިރާމް ނުކުރާ މަދު މެމްބަރުންތަކެއް މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރަމުން އެބަ ގެންދޭ

މި ސަރުކާރުގެ އަންހެން މިނިސްޓަރަކާއި އެންމެ ފުރަތަމަ ސުވާލު ކުރެވުން އެއީ އިއްތިފާގެއް ކަމަށާއި އަންހެނުން ޒިންމާދާރުވެރި މަގާމުތަކުގައި ތިބުމުން ބައެއް މެމްބަރުންނަށް ހަޖަމް ނުކުރެވޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަރވިއުއެއްގައި "އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް" ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ހުށަހެޅުމާއި ގުޅިގެން މެމްބަރުން ކުރި ސުވާލަކަށް ޖަވާބުދެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަންހެނުންނަށް އިހްތިރާމް ނުކުރާ މަދު މެމްބަރުންތަކެއް މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރަމުން ގެންދާ ކަމަށާއި ވޭތުވެގެން ދިޔަ 5 އަހަރު މަޖިލީހުގައި ހޭދަކުރި 4 ދައުރުގައި ވެސް ނުފެންނަ ފަދަ ކަންތައް " މޫނު މައްޗަށް ކޯ ދޮވެލުން " ފަދަ ދަށުދަރަޖައިގެ އަމަލުތައް ފެނިގެންދިޔަ ކަމަށެވެ. 

" އަންހެނުން ހަޖަމް ނުކުރެވޭ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަންއޮތީ އޭޕްރީލް 6 ގައި މިއޮތީ ވޯޓް ، އަންހެނުންނަކީ ވޯޓުގެ 50 އިންސައްތަ ، އަންހެނުން ނުކުމެ އަންހެނުން ހަޖަމް ނުކުރެވޭ ބަޔަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ ވޯޓް ލައި އުޅޭހެން " މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިއަދު ބޭއްވުނު މަޖިލިސް ޖަލްސާއިން ފެނިގެންދިޔައީ އެމްޑީޕީ މެމްބަރުންގެ ހުޝިޔާރުކަން ކަމަށާއި އިދިކޮޅު ފަރާތުން ކޮންމެ ބޭނުމެއްގައި ސުވާލުކުރި ކަމުގައިވިޔަސް މިނިސްޓަރުން ޖަވާބުދާރީ ކުރުމަކީ ރައްޔިތުންނާއި ހުރިހާ އެންމެން ވެސް ބޭނުންވާގޮތަށް މަޖިލިސް ކުރިޔަށް ދާކަމުގެ ނިޝާނެއް ކަމަށެވެ.

ފާއިތުވެގެން ދިޔަ 5 އަހަރުގައި މަޖިލިސް ކުރިޔަށް ދިޔަގޮތަށް އަލިއަޅުއްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ ވަޒީރަކު މަޖިލީހަށް ހާޒިރުކުރަން ސުވާލު ކުރިޔަސް އެޖެންޑާ ނުކުރާ ކަމަށާއި މެމްބަރުން ސުވާލު އުފެއްދުމާއެކު ރައީސް ސޯލިހުގެ ސަރުކާރުން މަޖިލީހަށް މިނިސްޓަރުން ހާޒިރުވުމަށް ބާރުއަޅައި ފުރުސަތުދެއްވާތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކޯލިޝަން މެޖޯރިޓީ މަޖިލީހުގައި އޮވެ ، މެމްބަރުން ހާޒިރުގައި ސުވާލުކުރަން ފުރުސަތު ދިނުމުން އުފާވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލްސާގައި އިދިކޮޅު މެމްބަރުންގެ ސުވާލެއް ނެތުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަން ފާހަގަކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް