Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 06:31
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ކޯލިޝަން ޕާޓީތައް މަޖިލީހުގައި މަސައްކަތް ކުރާނެ އެއްބަސްވުމެއް ވަނީ ހަދާފައި: އަސްލަމް
ކޯލިޝަން ޕާޓީތަކަށް ސަރުކާރު ނަމުގައި ބިލު ހުށަހެޅޭނެ

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާނެ ގޮތާ ގުޅޭ ގޮތުން، އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަސްލަމް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމާ ގުޅޭ ވަކި އެއްބަސްވުމެއް ހަދާފައި ވަނީ، މަޖިލީހުގެ ގަވާއިދުން ބާރު ލިބިގެން ކަަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވާނީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން މަޖިލީހުގެ ހިމެނޭ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމަށްޓަކާ، ކޮންމެ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކު ސޮއި އަޅައި، އެއްބަސްވާ އެއްބަސްވުމެއް. އެގޮތަށް އެއްބަސްވުމެއް އޮތުމަކީ ވަކި ބްލޮކެއްގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ ތެރެއިން ބަލައިގަނޭ. ކުރީގައި ފެންނަން އޮތީ ސަރުކާރު ނިސްބަތްވާ ޕާޓީއަކީ އެމްޑީޕީ ކަމަށް. ކޯލިޝަން އެއްބަސްވުމަކީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެކުލަވާލާފައި އެއްބަސްވުމެއް،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މަޖިލީހުގެ ތެރެއިން ރަސްމީކޮށް، މެޖޯރިޓީ ސަރުކާރަށް ލިބިގެންދާނެ ކަމަށާއި އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ގުޅިފައިވާ ޕާޓީތަކަށް ލިބިގެންދާނެ ކަމަށެވެ. ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ މަސައްކަތަށް ދާންވާ ބާރުމިނުގައި ނުދާތީ، އެކަމަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ރަސްމީ ގަވާއިދު އަދިވެސް ފާސްކުރެވިފައި ނުވާ ކަމަށެވެ.

ސަރުކާރުން ހުށަހެޅި ބައެއް ބިލުތައް މަޖިލީހުން ފާސްކުރެވިފައި ނުވާތީ، އަސްލަމް ވިދާޅުވީ ހަގީގީ ފުރިހަމަ އަޣުލަބިއްޔަތެއް ސަރުކާރަށް މަޖިލީހުގައި އޮންނަންޖެހޭނެ ކަމަށާއި މައްސަލަތައް ހައްލު ކުރަން ޕާޓީތަކުން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ. 

"ޕާޓީތަކުގެ ލީޑަރުން މިކަމުގައި ވިސްނާލަންޖެހޭ ކަމަށް އަޅުގަނޑު ދަންނަވަނާލަން ޖެހެނީ. ސަރުކާރުން ބޭނުންވާ ބިލުތައް ފާސްވާން ޖާގަ ނުދިނުން ވަރަށް މުހިއްމު. ޕާޓީތަކާއި ސަރުކާރާއި ކުރަންޖެހޭ އެހެނިހެން މަޝްވަރާއެއް އޮތް ނަމަ އެކަން ކުރުމަށް އަޅުގަނޑު ބޭނުންވަނީ،" އަސްލަމް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް