Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 22:19
ފްލޫ ކްލިނިކެއްގައި ފަރުވާދެނީ
ފްލޫ ކްލިނިކެއްގައި ފަރުވާދެނީ
މުހައްމަދު ޝަރުހާން
އެޗްޕީއޭ
ޑެންގީ ޖެހިގެން 368 ކޭސްއެއް، ޗިކުންގުންޔާ ޖެހިގެން 75 ކޭސްއެއް، ރިޕޯޓްކޮށްފައިވޭ: އެޗްޕީއޭ
ޖެނުއަރީ މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 5500 މީހުން ރިޕޯޓްކޮށްފައިވޭ

ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޑެންގީ ހުން ޖެހިގެން 368 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ޗިކުންގުންޔާ ޖެހިގެން 75 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. 

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތުގެ މައްޗަށް އެޗްޕީއޭއިން އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުން ޑެންގީ ޖެހިގެން ޖެނުއަރީ މަހުގައި ރިޕޯޓްކޮށްފައި ވަނީ 518 ކޭސްއެކެވެ. އަދި ފެބުރުއަރީ މަހުގެ ތެރޭގައި 368 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި ރިޕޯޓް ކޮށްފައި ވަނީ 51 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބުރުއަރީ މަހުގެ ޑެންގީ ޖެހިގެން ރިޕޯޓް ކުރި އަދަދު މަދު ނަމަވެސް އެހެން އަހަރުތަކާއި ބަލާއިރު މި އަހަރުގެ ފުރަތަމަ 2 މަސް ދުވަހު ޑެންގީ ޖެހިންގެ ރިޕޯޓް ކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން އެ އެތޯރިޓީން ވަނީ ޑެންގީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އޭގެއިތުރުން އެޗްޕީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން  206 ކޭސްއެއް ރިޕޯޓް ކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ފެބުރުއަރީ މަހުގެ 2 ވަނަ ހަފްތާގައި 75 ކޭސްއެއް ރިޕޯޓް ކޮށްފައިވާއިރު، ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި 32 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވެފައިިވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހުގެ ތެރޭގައި 5500 މީހުން ރިޕޯޓް ކުރިއިރު، ފެބުރުއަރީ މަހުގެ ތެރޭގައި އެ އަދަދު ވަނީ 3319 އަށް ދަށްވެފައި ކަމަށެވެ. އޭގެތެރެއިން ފެބުރުއަރީ މަހުގެ ފަހު ހަފްތާގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 723 މީހަކުކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. 

އެޗްޕީއޭއިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް