Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 22:55
ބ. އޭދަފުށި
ބ. އޭދަފުށި
ފޭސްބުކް
އޭދަފުށި
އޭދަފުއްޓަށް މީހުން ހިޖުރަ ކުރިތާ 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަ ކުރުން
މާއްޑުއާއި، އުނޑޫދޫގެ އިތުރުން ފުނަދޫގެ ރައްޔިތުން އޭދަފުއްޓަށް ބަދަލުވީ 1968 ގަ

ބ. އޭދަފުއްޓަން ތިންރަށެއްގެ މީހުން ހިޖުރަ ކުރިތާ  50 އަހަރު ފުރޭ  ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަރަކާތް އިންތިޒާމްކުރާ ވަފާ ޖަމުއިއްޔާގެ ޗެއާރމަން އަހުމަދު އަންވަރު ވިދާޅުވެއްޖެ އެވެ.

1968 ވަނަ އަހަރު އޭރުގެ ސަރުކާރުން ހިންގި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު މާއްޑުއާއި، އުނޑޫދޫގެ އިތުރުން ފުނަދޫގެ ރައްޔިތުން އޭދަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެމަސައްކަތް ނިމިފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މި ތިން ރަށުގެ މީހުން އޭދަފުށީގައި އާބާދުވިތާ 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ އެއްހަފްތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ފުރަތަމަ ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ޚާއްސަ އެއް ކަމަކީ އޭދަފުއްޓަށް ބަދަލުވި ތިންރަށުގެ ރައްޔިތުންގެ ތެރެއިން 50 އަހަރު ފުރޭ ފަރާތްތަކުގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކު ފެޅުމާއި އެ ފަރާތްތަކަށް ހަނދާނީ ލިއުން ހަވާލުކުރުން ކަމަށެވެ.

މީގެ އިތުރުންވެސް އޭދަފުށީގެ ހުރިހާ ރައްޔިތުންނާއި، އަތޮޅުގެ އެހެން ރަށްރަށުގެ ކަމުވޮށިވެގެންވާ ފަރާތްތަކަށާއި، ރަށްތަކުގެ ކައުންސިލްތަކުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކަށް ދައުވަތު ދީގެން ޖާފަތެއް ބެއްވުމަށް ހަމަޖެހިފައިވާއިރު މި ފަރާތްތަކަށް ދައުވަތުދީގެން ބާއްވާ ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

50 އަހަރު ފުރޭ ޔަންޔުބިލް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ މޮނިއުމެންޓެއް ތައްޔާރު ކޮށްފައިވާ ކަމަށާއި އެ މޮނިއުމެންޓް އިފްތިތާހު ކުރުންވެސް ކުރިއަށް ދާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.  

އަންހެނުންނަށް ޚައްސަ ކޮށްގެން މަސްރޭހެއް ލައިވް ބާބަކިއު އަކާއި އެކު ކުރިއަށް ދާއިރު ސްޓޭޖް ޝޯގެ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.  

މީގެ އިތުރުން ވެސް އޭދަފުށީ ރައްޔިތުންގެ ސަގާފީ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެ ކަމަށާއި އަދި ކުޑަ ކުދިންނަށް ޚާއްސަ ކުރެވިގެން އާއިލީ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ނޫނަސް މިފަދަ އެތައް ހަރަކާތް ތަކަކާއި ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

ރަންޔޫބިލް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަށް ފެށިގެންދާނީ މާރޗް މަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ. މިހަރަކާތް ފެށިގެންދާނީ ބަނޑިބޭހުގެ ކުޅިވަރުން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް