Advertisement
ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 09:14
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓަރ
އޯއައިސީގެ ހުރިހާ ހަރަކާތްތަކެއްގައި ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެ: މިނިސްޓަރ ޝާހިދު
ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ތަރައްޤީގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހުރިހާ ހަރަކާތްތަކެއްގައި ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެކަމުގެ ޔަޤީންކަމާއި އެޖަމާޢާތުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ޙާސިލްކުރުމަށް ދިވެހިރާއްޖެ އިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލްޢުތައިމީން އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫއޭއީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ނިމިގެން ދިޔަ އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ދެއްކެވި ލީޑަރޝިޕަށް މަރުޙަބާ ދަންނަވަފައެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ތަރައްޤީގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން އޯއައިސީ އާއި އދ. ފަދަ ޖަމާޢަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ފަލަސްތީން، އިންޑިއާ، ބަންގްލަދޭޝް، ރުމޭނިއާ، އުރުދުން، ކުވައިތު، ކޮސޯވޯގެ އިތުރުން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުންނާއި އަބޫދާބީގައި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ސްޓޭޓް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އާއި މިސްރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ އިތުރުން އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމަށް އިރާޤާއި ސަރބިއާ އިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. 

މުސްލިމް 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީގެ މެމްބަރަކަށް ރާއްޖެވީ 1967 ވަނަ އަހަރުގައެވެ. އަދި ރާއްޖެއިން މި އަހަރުގެ ތެރޭގައި އޯއައިސީއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ. އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު ނައިޖަރގައެވެ. އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރ ޝާހިދު އާއި އެމަނިކުފާނުގެ އަރިހުގައި އަބޫދާބީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް