Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 08:53
ސީލައިފް
ސީލައިފް
ފާތިމަތު ޝަނާ މުހައްމަދު
ސީ ލައިފް
ސީ ލައިފް މައްސަލަ ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނަށް
އޭސީސީން ބަލަނީ ސީލައިފްއާއި އެޗްޑީސީއާއި ދެމެދު ކޮރަޕްޝަން ހިންގާފައިވޭތޯ

ފްލެޓް ވިއްކާނެ ކަމަށް ބުނެ ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް އެ ރިޕޯޓް ފުލުހުންނަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބަލަނީ، ހައުސިން ޑިވެލެޕްމެންޓް ކޯޕަރޭޝަން އެޗެޑީސީން 3,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމާއި، އެ މަސައްކަތާއި ގުޅިގެން ހައުސިން ޔުނިޓްތައް ވިއްކުމަށް ޓަކައި، އާއްމު ރައްޔިތުންގެ އަތުން ފައިސާ ނަގައި މަކަރާއި ހީލަތުން ފައިސާ ނަގައި ހަދާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލައިގައި ހިމެނޭ ކަންތައް ތަކުގެ ތެރެއިން ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުމާލެއިން ބިން ދޫކޮށް، އެ މަސައްކަތް ސީލައިފްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގައި އެކުންފުންޏާއި، އެޗްޑީސީއާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯއެވެ.

އޭސީސީްނ ބުނީ، ސީލައިފް އަތުން ފްލެޓްގަތުމަށް ފައިސާ ދެއްކި ފަރާތްތަކާއި ދެމެދު ހިންގާފައިވާ މުއާމަލާތްތަކާއި ބެހޭ މައްސަލަ ބެލުމަކީ އެކޮމިޝަނުގެ މޭންޑޭޓްގެ ތެރޭގައި ހިމެނިފައި ނުވާކަމަކަށް ވާތީ، އެމައްސަލަ އެކޮމިޝަނުން ބަލަމުން ނުގެންދާކަމަށެވެ.

ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ފްލެޓް އެޅުމަށް ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ވީނުވީއެއް ނޭނގުނު މައްސަލައިގައި އެކުންފުންޏާއެކު ލިޔެކިޔުމުން ކުރެވިފައިވާ މުއާމަލާތްތަކާއިއެކު، ފުލުހުންނަށް ހުށަހެޅުމަށް އެ އިދާރާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެދިފައެވެ. މި މައްސަލަ ބަލަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުންނެވެ.

މިމައްސަލައިގެ ތަހުގީގުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސީލައިފް އެޕާޓްމަންޓްގެ މައްސަލައިގައި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަަލައިގެ ތަހުގީގުން މިހާތަނަށް ގަބޫލުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެށީސީްނ ބުނެފައިވަނީ އެ ކޮމިޝަނުން ހިންގަމުން ގެންދާ ތަހުގީގުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ފުލުހުންނަށާއި، ދައުލަތަށް ހިޔާނާތްވެފައިވާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަން އަށް ޖެނުއަރީމަހު ފޮނުވާފައިވާނެކަމަށް އޭސީސީން ބުންޏެވެ.

ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އެފައިސާ ހޯދުމަށް ސިވިލް ކޯޓަށްވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އެޗްޑީސީ) ބުނާ ގޮތުން ފްލެޓަށް ޑައުންޕޭމެންޓް ނެގެން ޖެހޭނީ ތަރައްގީ ކުރާ ފްލެޓްގެ ހަތް ޝީޓް އެޅުމަށްފަހުއެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު އެޗްޑީސީ އިން ހަވާލު ކޮށްފައިވެއެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް