ކ. މާލެ
|
1 މާރޗް 2019 | ހުކުރު 03:37
ރަކީދޫ ސުކޫލް
ރަކީދޫ ސުކޫލް
ރާއްޖެއެމްވީ
ރަކީދޫގެ ސުކޫލް
ވ. ރަކީދޫގައި ސްކޫލެއް ނެތި 11 އަހަރު!
އެ ރަށުގެ އާބާދީގައި 369 މީހުން ހިމެނޭއިރު ރަށުގައި މިހާރު ދިރިއުޅެމުންދަނީ 60 ވަރަކަށް މީހުން
ސުކޫލް 2007 ވަނަ އަހަރު ވަނީ ބަންދުކޮށްފައި

"ރަށުގެ ހާލަތު މިއޮތީ ފެންނާކަށް ނޫންތަ؟ މީނަ އެންމެ ކުޑައިރުއްސުރެ ގެންގުޅެނީ ދައްތަ، ދެން މާދަން ކަންނޭނގެ މީނަ ގެންދަންވީ، ގެންދަން ޖެހޭނީ ކިޔަވަން ކެޔޮދޫއަށް"

މިއީ ވ. ރަކީދޫގެ ހާލަތާއި ގުޅޭގޮތުން ސުވާލުކޮށްލުމުން އެރަށު ގިރާގޭ އުމުރުން 44 އަހަރުގެ ސިޔާމާ ހުސެއިން ދިން ޖަވާބެވެ. ސިޔާމަގެ މާމަ ދަރި އެންމެ ކުޑައިރުއްސުރެ ބަލަމުން ދަނީ އޭނައެވެ. މިހާރު އެ ކުއްޖާ ސުކޫލަށް ލާ އުމުރު އައިސް ޖެހުނުއިރު، ރަށުގައި ތައުލީމް ހާސިލްކުރާނެ ސުކޫލެއް ނެތުމުގެ ސަބަބުން، ޖެހެނީ ކައިރީގައި އޮންނަ ވ. ކެޔޮދޫއަށް ފޮނުވާލާށެވެ. މިއީ އެ ރަށުގައި ދިރިއުޅޭ މިފަދަ އާއިލާތަކުގެ ހާލަތެވެ.

އެ ރަށުގެ އާބާދީގައި 369 މީހުން ހިމެނޭއިރު ރަށުގައި މިހާރު ދިރިއުޅެމުންދަނީ 60 ވަރަކަށް މީހުންނެވެ. 2007 ވަނަ އަހަރު ގްރޭޑް ހަތަކާއި ހަމައަށް ކިޔަވަމުން ގެންދިޔަ ރަކީދޫ ސުކޫލް ބަންދުކުރީ އާބާދީ މަދުވެ ކިޔަވާނެ ކުދިން ނެތުމުގެ ސަބަބުންނެވެ. ސުކޫލް ބަންދުކުރުން ވެގެން ދިޔައީ އޭރު ރަށުގައި ދިރިއުޅެމުން ދިޔަ މަދު އާއިލާތަކަށް އަމިއްލަ ވަޒަން ދޫކޮށް ދާންޖެހުނު މައިގަނޑު އެއް ސަބަބުކަމުގައެވެ. އެގޮތުން ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ އާއިލާތައް ހިޖުރަކުރިއެވެ.

"ހަޤީޤަތުގައި ރެފިއުޖީން އުޅޭ ބީދައިން އަޅުގަނޑުމެން އުޅެން މި ޖެހެނީ. ސަރުކާރުން ކޮންމެވެސް އަވަސް ހައްލެއް ގެނެސްގެން ނޫނީ މިތާނގައި ދިރިއުޅެވޭކަމަށް ނެތް" ރަކީދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސެއިން މުއާޒް ވިދާޅުވިއެވެ.

އެއްބައި އާއިލާތައް މާލެއަށާއި އައްޑޫސިޓީއަށް ހިޖުރަކުރިއިރު ފޯރުންތެރިކަން ކުޑަ އާއިލާތައް އިހްތިޔާރު ކުރީ ރަށުގެ ކައިރީގައި އޮންނަ ކެޔޮދޫއަށް ހިޖުރަ ކުރުމަށެވެ. ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ފެށި މި ދަތުރުގައި އެ އާއިލާތަކަށް ގިނަގުނަ ގޮންޖެހުންތަކާއި ދިމާވިއެވެ.

ކެޔޮދޫއަށް ގޮސް އެ އާއިލާތަކަށް ޖެހުނީ ކުއްޔަށް އެ ރަށުގައި ދިރިއުޅޭށެވެ. ކެޔޮދޫއަކީ ގެސްޓް ހައުސް ވިޔަފާރީ މިހާރު ފުޅާވަމުން އަންނަ ރަށަކަށްވުމުން، އެ ގެތައް ކުއްޔަށް ދޫކޮށްގެން ތިބި މީހުން، އެ ތަނުގައި ގެސްޓް ހައުސް ތަރައްޤީ ކުރަން ބޭނުންވުމުން އެ އާއިލާތަކަށް ޖެހުނީ އެ ގެތަކުންވެސް ނިކުންނާށެވެ. ދަރިންނަށް "ރަނގަޅު ތައުލީމެއް" ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެ ދަރިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އަޒުމް ކަނޑައަޅައިގެން ފެށި މި ދަތުރުގައި މަހެއްގެ މައްޗަށް ދެ ގެ ނުވަތަ ތިން ގެއަށް އެ އާއިލާތައް ބަދަލުވާން ނުޖެހޭ ފަހަރެއް ނާދެއެވެ.

ރަކީދޫ މޫސަގެ އާއިލާގައި 7 ކުދިން ތިބޭއިރު 6 ކުދިން ވަނީ އެކި ރަށްތަކަށް ހިޖުރަކޮށްފައެވެ.

"މިހާރު އަހަރެންގެ ކުއްޖާ ކެޔޮދޫއަށް ގޮސް ފަސް ގެއަށް ބަދަލުވި. ދެން ތިބި ކުދިން ވެސް ހަމަ އެފަދަ ހާލުގައި އެ އުޅެނީ، ވަރަށް ހިތްދަތި" މޫސަ ބުންޏެވެ.

ތައުލީމު އުނގެނުމުގެ ހައްޤު އެ ރަށު ރައްޔިތުންނަށް ކަށަވަރު ނުވިއިރު މިއަދު އެ ރައްޔިތުން އެވަނީ ބޯހިޔަވާހި ކަމަށްވެސް ޖެހިފައެވެ. އެ ރައްޔިތުން އެދެނީ މި ނޫން ދުވަހެއް ފެނި، މިކަންތައްތަކަށް އަވަސް ހައްލެއް ލިބިގެންދިއުމެވެ.

އެ ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ އުންމީދަކީ ދަރިންނާއި މާމަ ދަރިން އެއް ފަސްގަނޑެއްގައި އުޅޭ ތަން ފެނި އެންމެން އެކީގައި ދިރިއުޅޭނެ ދުވަހެއް ފެނިގެންދިޔުމެވެ. މި އާއިލާތައް ދިރިއުޅޭނެ މަގެއް ދައްކައިދިނުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
1 މާރޗް 2019 | ހުކުރު 14:53
Maree
Moosage dhari koniraku 5geah badhal v thedhu mauloomaathu dhee dhogu nahadhaa
1 މާރޗް 2019 | ހުކުރު 09:10
ދުލެއް
ތިރަށައް ތިހެންދިމާވީ އޭރުގެ ވެރިންނައްތިބިމީހުންގެ އަމިއްލައެދުމާއި ރައްޔަތުންގެ ފިތުނައިގެސަބަބުން
1 މާރޗް 2019 | ހުކުރު 04:52
Jameel
ތިޔަރަށުން މީހުންބާލާފަ ތިނަދޫއަށް ފޮނުވަން ވީނު