Advertisement
ކ. މާލެ
|
1 މާރޗް 2019 | ހުކުރު 00:58
ރައީސް ނަޝީދު ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ކުރީގެ ރައިސް ޔާމީން ހިޔާނާތްތެރިވީ ހަމައެކަނީ އެމްއެމްޕީއާރުސީގެ ފައިސާއަކަށް ނޫން، އެއީ ކުޑަވަރެއް: ރައީސް ނަޝީދު
ހިޔާނާތް އެތައް 100 މިލިއަން ޑޮލަރަކަށް އަރާ
އެޓާރނީ ޖެނެރަލް ދަނީ އެމައްސަލަ ތަހުގީގުކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހިޔާނާތްތެރިވީ ހަމައެކަނި އެމްއެމްޕީއާރުސީގެ ފައީސާއަށް ނޫންކަމަށާއި އެއީ ކުޑަވަރެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ތުޅާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިތުލްމާލުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ އިތުރުން ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ގެނެސްފައިވާ ފައިސާ ދިވެހި ރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް އެ ފައިސާ އިން ކޮށްފައިވާ ވައްކަން މާ ބޮޑު ކަމަށެވެ. އޭގެ ޖުމްލް އެތައް 100 މިލިއަން ޑޮލަރަކަށް އަރާ ކަމަށާއި އެޓަރނީ ޖެނެރަލް އެމައްސަލަ ބައްލަވަމުން ދާ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެ މަސަތްކަތް ތަހުގީގުކޮށް ނަތީޖާ ނެރޭނެ މެމްބަރުން ނެތްކަމުގައިވާނަމަ އެ ހުރިހާ ކަމުގެ ހަގީގަތް ނުހޯދޭނެ ކަމަށެވެ. 

" ރައީސް އަބްދުﷲ ޔާމީން ވައްކަން ކުރައްވައިފައިވަނީ ހިޔާނާތްތެރިވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީ އަކުންނެއް ނޫން، އެއީ ކުޑަ މިންވަރެއް. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާފައިވާ ވައްކަމާއި ސީދާ ދިވެހިރާއްޖޭގެ ބައިތުލްމާލުން ހިންގާފައިވާ، ނަގާފައިވާ ފައިސާޔާ އަދި އޭގެ އިތުރުން ބޭރުގެ ބޮޑެތި ބޮޑެތި ޖަމާއަތްތަކާއި އެކިއެކި ނާޖާއިޒު ގޮތްގޮތައް ހޯދައިފައިވާ ފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް އެ ފައިސާ ދައުރުކުރުވާ ދޮވެ ހަދާ އޭގެއިން ކޮށްފައިވާ ވައްކަން މާ ބޮޑު. އެތައް 100 މިލިއަން ޑޮލަރަކަށް އެބައަރާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ، ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ ވައްކަން ހުއްޓުވުމަށާއި ރާއްޖޭގެ ކުރީގެ ރައީސް ހިމެނިވަޑައިގެން ހިންގެވި ހުރިހާ ވައްކަމެއް ތަހުގީގު ކުރުމުގެ އިތުރުން ގޮތް ނޭނގި މީހުން މަރުވަމުން ދާއިރު އެ މަރުތަކުގެ ހަގީގަތް ރައްޔިތުން އެނގެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަކުންވެސް އެމްޑީޕީ މެމްބަރުން އިންތިހާބުކޮށްގެން ނޫނީ އެކަން ނުވާނެކަން ރައްޔިތުންނަށް ސާފުވެފައިވާ ކަމަށާއި މިއަދު އިއްތިހާދަކުން ރައްޔިތުން އެދޭ ކަންތައްތަކަށް މަޖިލީހުގައި ވޯޓް ލަމުންދާތަން ނުފެންނަ ކަމަށްވެސް ރައީސް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރަން ދާ ކުއްޖާއަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމައްޓަކައި ކިޔަވަން ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް މުއްދަތު އިތުރުކުރުމުގެ އިތުރުން ވަޒީފާ ނުލިބި ދަފްތަރުގައި ތިބޭ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ އިތުރުން މަސްވެރިކަން ކުރާ ފަރާތްތަކަށް އެމަހަށް ވާ ހަމަ އަގު އެޖެންޑާ 19 އިން ހޯދައިދޭނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެޖެންޑާ 19 އާއި އެކު އެ މަޖިލިސް ވެގެންދާނީ ވަގުން ހިފާ، ނަޒާހަތްތެރި، ފައިސާއަށް ނުވިކޭ މަޖިލީހަކަށް ކަމަށާއި މަޖިލީހުގެ އައުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ތުޅާދޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ތަކުރާރުކޮށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް