Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 22:44
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
މުހައްމަދު ޝަރުހާން
އެމްޑަބްލިޔުއެސްސީ
ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ހައްލު ކުރަނީ
ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މިމަޝްރޫއަށް 24 މިލިއަން ރުފިޔާ ހަރަދުވާނެ
ފެން ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް މާލެއިން އިތުރު ބިމެއް ވަނީ ލިބިފައި

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ވޯޓާ ނެޓްވޯކު އަޕްގްރޭޑު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އުސް އިމާރާތްތަކަށް އެކަށީގެންވާ ޕްރެޝަރެއްގައި ފެން ނުލިބޭ މައްސަލައާ ހާއްސަކޮށް ހުކުރުު ދުވަހުގެ މެންދުރު ވަގުތު އެމައްސަލަ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މިމައްސަލަ ހައްލު ކުރުމަށް ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އާޒިމް ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، މިމަޝްރޫއަށް 24 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ފެން ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް އެސްޓީއޯގެ ރެޑީމިކްސް ސިމެންތި އުފެއްދުމަށް މިހާރު ބޭނުންކުރާ ބިން، ސަރުކާރުން އެކުންފުންޏަށްދީފައިވާ ކަމަށެވެ. އަދި އެބިމުގައި ދުވާލަކަށް 20،000 ޓަނުގެ ފެން ރައްކާކުރެވޭނެ ދެ ތާނގީ ގާއިމް ކުރާނެ ކަމަށާއި، މިމަސައްކަތް އެއްއަހަރު ދުވަހުން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެނުގެ ސްޓޯރޭޖު އިތުރުކުރުމަށް މާލެއިން އިތުރު ބިންތައް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ފެން ބިލްތަކަށް ގަވާއިދުން ފައިސާ ނުދައްކާތީ ކަންބޮޑުވުންފާޅު ކުރައްވާ އާޒިމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފައިސާ ނުލިބި ގިނަ އަދަދެއްގެ ބިލްތައް ހުރި ކަމަށާއި، އެއްމަހަށް ވުރެ ގިނަ ދުވަސް ވަންދެން ބިލްތަކަށް ފައިސާ ނުދައްކާ 50 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން ތިބި ކަމަށެވެ. ނަމަވެސް ކުރެވޭ މަސައްކަތްތަކުން މިހާރު މިއަދަދު މަދު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެން ބިލަށް ދައްކަންޖެހޭ ފައިސާ އެމުއްދަތުގެ ތެރޭގައި ދެއްކުމަށް އެދޭ ކަމަށާއި، ނުދައްކާނަމަ ކުންފުނީގެ އިތުރުން އެކަމުގެ ގެއްލުން ބޮޑަށް ލިބޭނީ އެކަސްޓަމަރަކަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ބާވެފައިވާ ފެންމީޓަރުތައް އާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް