ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 19:03
އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން
އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން
ރާއްޖެއެމްވީ
އެޑިއުކޭޝަން އެކްސްޕޯ
އެޑިއުކޭޝަން އެކްސްޕޯ ފަށައިފި
އެކްސްޕޯ ކުރިއަށްދާނީ މާރިޗް މަހުގެ 2 ދުވަހުގެ ނިޔަލަށް
އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 15:00 އިން ރޭގަނޑު 22:00 އަށް

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފިއެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް އާއި އަސަރީ ސަރވިސަސް ގުޅިގެން ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ މި ސިރީޒްގެ 4 ވަނަ އެކްސްޕޯއެވެ. އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން މާރިޗް މަހުގެ 2 ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ. އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ވެސް ހަވީރު 15:00 އިން ރޭގަނޑު 22:00 އަށެވެ.

މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.

އެކްސްޕޯ ފެއްޓުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ތައުލީމީ ޖީލެއް ބިނާ ކުރުމަށް މުހިންމު މަސައްކަތެއް ކުރަމުންދާ ކަމަށާއި މި އެކްސްޕޯގެ ޒަރިއްޔާއިން ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އެކްސްޕޯގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ 46 އަކަށް ވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ބައިވެރިވި ބައެއް އިންސްޓިޓިއުޓްތައް ކަމުގައިވާ ސައިރިކްސް ކޮލެޖް، އެމްއައި ކޮލެޖް، ދިވެސް އިންސްޓިޓިއުޓް، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ބުނެފައިވަނީ މި އެކްސްޕޯ އަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށާއި އެކްސްޕޯގެ ޒަރިއްޔާއިން އެ އިންސްޓިޓިއުޓްތަކުން ފޯރުކޮށްދޭ ކޯސްތަކާއި ބެހޭ ތަފްސީލީ މައުލޫމާތު ފޯރު ކޮށްދެވިގެންދާނެ ކަމަށެވެ.

މި އެކްސްޕޯގައި ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވާއިރު ލަންކާގެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މެލޭޝިއާ، ޖަރުމަންވިލާތް ފަދަ ޤައުމުތަކުގެ އިންސްޓިޓިއުޓްތަކުން ވަނީ އެކްސްޕޯގައި ބައިވެރިވެފައެވެ. މެލޭޝިއާގެ މަނިޕަލް އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ވެސް ބުނީ ބޭރުގެ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް މިއީ މުހިންމު އެކްސްޕޯއެއް ކަމަށެވެ.

އެކްސްޕޯއަށް ގިނަ އަދަދެއްގެ ކިޔަވާ ކުދިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލްގައި ކިޔަވަމުން އަންނަ ކުއްޖެއް ބުނީ މި އެކްސްޕޯ މެދުވެރިކޮށް ސާނަވީ އިމްތިހާނު ނިންމުމަށް ފަހު، ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުން ހުރި މުހިންމު ފުރުސަތުތައް އެކްސްޕޯގެ ޒަރީއާ އިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް