Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 04:58
ރައްޔިތުންގެ މަޖިލިސް: ފޮރިން ސާވިސްގެ ބިލު ވެސް ހުއްޓިފައިވާތާ ތިން އަހަރު
ރައްޔިތުންގެ މަޖިލިސް: ފޮރިން ސާވިސްގެ ބިލު ވެސް ހުއްޓިފައިވާތާ ތިން އަހަރު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި އެންމެ ދުވަސް ވީ ބިލަކަށް އޮތީ ހިޔާލު ހޯދަން ވޯޓު ނެގުމުގެ ބިލު
އެ ބިލު މަޖިލީހަށް ހުށަހެޅިތާ ހަތަރު އަހަރު ވަނީ ވެފައި
ފޮރިން ސާވިސްގެ ބިލު ހުއްޓިފައިވާތާ ތިން އަހަރު
ކޮމެޓީ އެލަވަންސަށް ކޮންމެ މެމްބަރަކަށް 20،000ރ.

މަޖިލީހަށް ހުށަހެޅުމަށްފަހު، ކޮމެޓީން ދިރާސާނުކޮށް، އެންމެ ގިނަ ދުވަސް ވަންދެން މަޖިލީހުގައި ހުއްޓިފައި އޮތް ބިލަކަށް "ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ބިލު" ވެއްޖެއެވެ. އެ ބިލު މަޖިލީހަށް ހުށަހެޅިތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކޮމެޓީތަކުގައި ހުރި ބިލުތަކާ ގުޅޭ ގޮތުން މަޖިލީހުން އާންމު ކުރި ތާވަލުން ދައްކާ ގޮތުން، ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް ހުށަހެޅީ މިހާރު ހިނގަމުންދާ މަޖިލީހަށް މެމްބަރުން އައްޔަން ކުރިތާ ދެ މަސް ވެސް ނުވަނީސްއެވެ. ނަމަވެސް ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެމްބަރުންތަކެއް ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް ނެގުން ފިޔަވައި، އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުން މަސައްކަތެއްކޮށްފައެއް ނުވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލަކީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ދެ ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މަޖިލީހުގެ ތަޅުމުން ފޮނުވި ބިލެކެވެ. އެ ބިލު ފާސްކުރުމަށް ކޮމެޓީން ކަނޑައެޅި ސުންގަޑިއަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ތެރެއިްނ ދެ ވަނައަށް އެންމެ ދުވަސް ވީ ބިލެއްގެ ގޮތުގައި މަޖިލީހުގެ ކޮމެޓީގައި ހުއްޓިފައި އޮތީ ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލެވެ. އެ ބިލަކީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު އޭރުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.

ކޮމެޓީތަކުގައި ހުރި ބިލުތަކާ ގުޅޭ ގޮތުން މަޖިލީހުން އާންމު ކުރި ތާވަލުގައި ބުނެފައިވާ ގޮތުން ކުރީގެ ސަރުކާރުންނާއި އާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 10 ބިލެއް ކޮމެޓީ މަރުހަލާގައި ކުރިއަކަށް ނުދެއެވެ. އަދި އަމިއްލަ މެމްބަރުން ހުށަހެޅި ތިން ބިލެއްގެ މަސައްކަތް ވެސް ކޮމެޓީތަކުގައި ކުރިއަށް ނުގޮސް ވަނީ މަޑުޖެހިފައެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު، މަޖިލީހުގެ ކޮންމެ މެމްބަރަކަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު. 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި މުސާރައިގެ ގޮތުގައި 62،500 ރުފިޔާއާ އެކު ޖުމްލަ، ކޮންމެ މެމްބަރަކަށް މަހަކު 82،500 (އައްޑިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) ލިބިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް