Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 04:30
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު،، މާލެ އަތޮޅު ގާފަރު ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު،، މާލެ އަތޮޅު ގާފަރު ކައުންސިލާއި ބައްދަލުކުރެއްވުން
މުހައްމަދު ޝަރުހާން
ނައިބު ރައީސް ފައިސަލް
ކ. ގާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސާއި ހިއްސާ ކުރައްވައިފި
ނައިބު ރައީސްގެ މިފަދަ ދަތުރުފުޅު ތަކަކީ، ރަައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅު ތަކެއް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ރަށު ކައުންސިލްގެ އިތުރުން، އެރަށުގެ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއިވެސް ބުދަ ދުވަހު އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ގާފަރު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، ގާފަރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ހިއްސާކުރެއްވިއެވެ.

އެގޮތުން، އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމާއި، ރަށް ގިރުންފަދަ މައްސަލަތައް ގާފަރު ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި، ގާފަރު ސްކޫލްގައި ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވެފައިވާކަން އެ މުއައްސަސާތަކުގެ ވެރިން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، އެކަންކަން ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅުތަކެއްކަމުގައި ވިދާޅުވިއެވެ. އަދި ގާފަރު ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށު ސްކޫލާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ހާއްސަކޮށް ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާފަރު ކައުންސިލްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި، ރައްޔިތުންގެ ތެރޭގައި ހަމަޖެހުން ދެމެހެއްޓުމުގައި ކައުންސިލްގެ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކިއެކި ކަންކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް