Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 18:33
އެމްއާރްއެމް އަށް އަލަށް ސޮއިކުރެއްވި މެމްބަރުންނާ އެކު ރައީސް މައުމޫނު
އެމްއާރްއެމް އަށް އަލަށް ސޮއިކުރެއްވި މެމްބަރުންނާ އެކު ރައީސް މައުމޫނު
ޓްވިޓަރ
އެމްއާރްއެމް
އެމްއާރްއެމް އިން މަޖިލީހަށް ވާދަކުރާ ފަރާތްތަކުގެ ކެމްޕޭން ލޯންޗު ކުރުން މާޗް 6 ގައި
ރިޔާސީ ކޮމިޝަނަށް ބާރުލިބޭ ބިލް ފާސްނުވުމުން އެމްއާރްއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗް ކުރުން މާޗް މަހުގެ 6 ވަނަ ދުވަހު އޮންނާނެ ކަމަށް މައުމޫނު ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ރައީސް މައުމޫނުގެ ތާއިދާ އެކު މި އަހަރު އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް 24 ބޭފުޅުން ވާދަކުރަން ހަމަޖެހިފައިވާ ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.

އެމްއާރްއެމް އިން އިންތިހާބަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހު އެމްއާރްއެމް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންްސްގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ސްޕޯކްސް ޕާސަން ތަމްޒީލް އަބްދުއްސަމަދު ވިދާޅުވީ، މައުމޫނުގެ ތާއިދާ އެކު ގިނަ ކެންޑިޑޭޓުންތަކެއް މަޖިލީސް އިންތިހާބަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ވަަރަށް ހަލުވިކަމާ އެކު ކުރައްވަމުންދާ ކަމަށެވެ.

''އަންނަ މާޗް މަހުގެ 6 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ގައި ރަސްމީކޮށް ރައީސް މައުމޫންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ރަސްމީ ކެމްޕޭނު ޖަލްސާ އަޅުގަނޑުމެން އިފްތިތާހް ކުރާނަން މި ޖަލްސާގައި ކެންޑިޑޭޓުން ތައާރަފް ކުރުން ވެސް އޮންނާނެ،'' އޭނާ ވިދާޅުވިއެވެ. 

އެމްއާރުއެމް އިން ބުނީ މައުމޫނު ތާއިދުކުރައްވާކަން ހާމަކޮށްދޭ ސިޓީއެއް ކެންޑިޑޭޓުންނަށް އަރުވާނެ ކަމަށެވެ.   

ދަރުބާރުގޭގައި އޮންނަ މި ހަފްލާގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންނަށް ވަނީ ދައުވަތުއަރުވާފައެވެ.

ތަމްޒީލް ވިދާޅުވީ، އެމްއާރްއެމް ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ގޮތުން ގުޅެން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި، ޕާޓީ އަށް ވަންނަ ފޯމްތައް ފުރުމުގެ މަސައްކަތް ކުރިޔަށްދާ ކަަމަށެވެ. 

ހިޔާނާތާއި ފަސާދައިގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްނުވެ ދިގުދެމިގެންދާތީ އެކަމާ މެދު އެމްއާރްއެމް އިން ކަންބޮޑުވުންފާޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

'' ބިލް ފާސްނުވެ އެތައް ދުވަހެއް މިކަމުގައި ފާއިތުވެ ދިޔުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް އޭގައި ލިބުމުގައި ވަރަށް ގިނަ ދަތިކަމެއް އޮތަކަމަށް އެމްއާރްއެމް އަށް ފާހަގަކުރެވޭ... މިކަން ލަސްވުމަކީ އެމްއާރްއެމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް'' ތަމްޒީލް ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް