Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 14:07
އިލެކްޝަންސް ކަމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު
އިލެކްޝަންސް ކަމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ މަހުގެ 4 ވަނަ ދުވަހު!
 ޕްރައިމަރީ އިން ބަލިވި އެއްވެސް ފަރާތެއް މިހާތަނަށް އީސީއަށް ފޯމު ހުށައަޅާފައެއް ނުވޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:00 ގައި ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

މީގެ ކުރިން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް އިލެކްޝަންސް ކަމިޝަނުން ނިންމީ ބުދަ ދުވަހު (މިއަދު) އެވެ. އެހެން ނަމަވެސް ޕްރައިމަރީ އިން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެން ނަން ތަރުތީބު ކުރުން އީސީ އިން ފަސްކުރީއެވެ. 

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ނިމެންދެން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އިންތިޚާބާ ބެހޭ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި އީސީ އިން މަސައްކަތް ކުރަނީ ޖެހިގެން އަންނަ ދުވަހުގެ ފަތިސްވުމުގެ ކުރިން ނަން ތަރުތީބުކޮށް ނިންމާލުމަށް ކަމަށް އޭނާ  ވިދާޅުވިއެވެ. 

"މާޗް 4 ވަނަ ދުވަހުގެ ހަވީރު ފަހެއް ޖަހާއިރު ނަން ތަރުތީބު ކުރަން ފަށާނެ. ފަަހަކުން ފެށިގެން ނިމެންދެން ނަންތައް ތަރުތީބު ކުރާނެ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ފަތިސްވުމުގެ ކުރިން މަސައްކަތް ނިންމާލުމަށް،" އަކްރަމް ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 264،589 (ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ އަށްޑިހަ ނުވަ) މީހުންނަށެވެ. މަޖިލިސް އިންތިހާބުގައި ބަހައްޓަނީ 507 ވޯޓު ފޮށްޓެވެ. 

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އީސީ އިން ޕްރައިމަރީ އިން ބަލިވި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މިހާތަނަށް ޕްރައިމަރީ އިން ބަލިވި އެއްވެސް ފަރާތެއް އީސީއަށް ފޯމު ހުށައަޅާފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް