Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 11:09
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް 2019
ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުމެއް ކުރަހައިފިނަމަ ޥޯޓް ބާތިލްވާ އިސްލާހެއް ޕީީޕީއެމްއިން މަޖިލީހަށް ހުށަހަޅައިފި
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި މިއީ ދެވަނަ ފަހަރު

ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުން ކުރަހާފައިވާ ވޯޓް ބާތިލް ވޯޓްގެ ގޮތުގައި ބަލައިގަތުމަށް އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ(ޕީޕީއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ޕީޕީއެމްއިން ހުށަހެޅުއްވި މިއީ ދެވަނަ ފަހަރުއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްގެ މަޖިލިސް މެޖޯރިޓީގައި އޮވެ، އޭރު އެ ޕާޓީން ހުށަހަޅުއްވާފައި ވަނީ ރަނގަޅު ފާހަގައެއް ފިޔަވާ އިތުރު ކުރެހުމެއް ކުރަހާފައިވީ ކަމުގައި ވީނަމަވެސް އެއީ ސައްހަ ވޯޓްގެ ގޮތުގަައި ބަލައިގަތުމަށެވެ. މިހާރު އިދިކޮޅުގައި ޕީޕީއެމް އޮވެ، ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް އެ ޕާޓީން ހުށަހަޅާފައިވަނީ ރަނގަޅު ފާހަގައެއް ފިޔަވާ އިތުުރު ކުރެހުމެއް އޮވެއްޖެނަމަ، އެއީ ބާތިލް ވޯޓްގެ ގޮތުގައި ބަލައިގަތުމަށް އިންތިޚާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ޝާހިދު ހުށަހެޅުއްވީ އިންތިޚާބާއި ބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓް ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓް ބާތިލުވާނެ ކަމަށެވެ. 

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގްކޮށް  ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މަޖިލީހަށް މި ބިލް ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ ހައެއް އެޕްރީލްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް