Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 21:18
ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދަނީ
ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްގެން ގެންދަނީ
ރާއްޖެ އޮންލައިން
ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމްއާ ގުޅުން އޮންނަ ބޭރުގެ ޖަމާއަތަކުން ޔާމީން ދޫކޮށްލުމަށް ގޮވާލައިފި
ރައީސް ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައިވޭ
އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕްގެ އޮފިޝަލުން ފޮނުވުމަށް އެ ޖަމާއަތުން ވަނީ އިޔޫ އަށް ގޮވާލާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ޕީޕީއެމްއާ ގުޅުން އޮންނަ ޖަމާއަތަކުން ގޮވާލައިފިއެވެ.

ޔޫރަޕްގެ އެލިއަންސް އޮފް ކޮންޒަވޭޓިވް އެންޑް ރިފޯމިސްޓް އިން ޔޫރަޕް (އޭސީއާރްއީ) އިން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވައިލާފައި ވާނީ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޔާމީން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލައި އޭސީއާރްއީ އިން އަންގާރާ ދުވަހު ނެރުނު ބަޔާނުގައި ވަނީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އެމަނިކުފާނު ހައްޔަރުކޮށް ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. އަދި ޔާމީނާއި އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްއަކީ ޑިމޮކްރެސީ އަށް ސަޕޯޓްކުރާ ޕާޓީއެއް ކަމަށާއި، އިންތިހާބުގައި އެމަނިކުފާނު ނާކާމިޔާބުވެވަޑައިގަތުމުން ވަރަށް އަމާން ކަމާ އެކު ވެރިކަން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގަތުމުން ޕީޕީއެމް އިން ވަނީ އިންތިހާބުގެ ނަތިއްޖާ ގަބޫލްނުކޮށް އިންތިހާބު ބާތިލްކޮށްދެން ސުޕްރީމް ކޯޓަށް ވެސް ހުށައަޅާފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ސައްހަ ކަމަށެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޔާމިން ހައްޔަރުކޮށްފައި ވާތީ އޭސީއާރްއީ، ޔޫރަޕިއަން ޕާޓީ އޮފް ދަ ބްރިޓިޝް ކޮންސަވޭޓިވްސް އަދި ޕޮލެންޑް ލޯ އެންޑް ޖަސްޓިސް ޕާޓީގެ އިތުރުން 40 ޕާޓީން އެކަން ކުށްވެރި ކުރާ ކަމާށައި، ޔާމީން ހައްޔަރު ކޮށްފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް އެ ބާޔާނުގައި ވެއެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރުމުގެ ސަބަބުން ޕީޕީއެމް އަށް ކެމްޕޭނު ކުރުމަށާއި ކެންޑިޑޭޓުންގެ ލިސްޓް އިލެކްޝަންސް އަށް ހުށައެޅުމަށް ދަތިތަކާ ދިމާވެފައިވާ ކަމަށާއި އެގޮތުން ޔާމީން ދޫކޮށްލަން ޖެހޭ ކަމަށް އޭސީއާރްއީގެ ބަޔާނުގައި ވެއެވެ.  

މި އަހަރު އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕްގެ އޮފިޝަލުން ފޮނުވުމަށް އެ ޖަމާއަތުން ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ގޮވާލާފައެވެ. އަދި އެ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވާން ޖެހޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އޭސީއާރްއީ އިން ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، 2009 ވަނަ އަހަރު އުފެދުނު އެ ޖަމާއަތަކީ ޔޫރަޕްގައި ހިނގާ ކަންތައްތަކަށް އަޑުއުފުލައި އުޅޭ ޖަމާއަތެކެވެ. އެ ޖަމާއަތުގެ މައިގަނޑު ބޭނުމަކީ އީޔޫ އިން ކުރާ ކަންތައްތަކަށް ފާޑު ކިޔައި އެ ކަންތައްތައް އިސްލާހު ކުރުމެވެ. ދީނީ މިނިވަންކަމަށް ގޮވާލައި ވަކާލާތު ވެސް ކުރަމުން އަންނަ އޭރްސީއާރްގެ 24 މެމްބަރު ގައުމުގެ އިތުރުން މިނިވަން 20 ގައުމެއް ހިމެނެއެވެ. 

އެޕާޓީގެ ހަތް ރީޖަނަލް ޕާޓްނަރުގެ ގައުމެއްގެ ސިޔާސީ ޕާޓީތައް ހިމެނެއެވެ. އެގޮތުން އޭސީއާރްއީގެ ރާއްޖޭ ޕާޓްނަރަކީ ޕީޕީއެމް ކަމަށް އެ  ޖަމްއިއްޔާގެ ވެބްސައިޓްގައި ވެއެވެ. އެ ޖަމާއަތުގެ މެމްބަރު ޕާޓީތަކުގެ ތެރޭ ހިމެނޭ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވްގެ 2017 ވަނަ އަހަރުގެ އަހަރުގެ ޖަލްސާގައި ޕީޕީއެމް އަށް ނިސްބަށްވާ ރައްޔިތުނގެ މަޖިލީހުގެ ތިން މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.  

އެހެން ސިޔާސީ ބޭފުޅުންނާ ހިލާފަށް ރައީސް ޔާމީން ހައްޔަރުކޮށްގެން މިހާތަނަށް ބޭރުގެ އެހެން ޖަމާއަތަކުން އަދި ގައުމަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ހުކުމްކުރުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަރަށް އަވަހަށް ބަޔާންތައް ނެރުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތުގެ އިތުރުން އިންޑިއާ ފަދަ ސަރަހައްދީ ގައުމުތައް ހިމެނެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް އެހެން ފަރާތްތައް ޖަލަށްލައިގެން ގެންގުޅެފައި ވަނީ އާބިޓްރަރީ ގޮތެއްގައި ކަމަށް އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވެސް ނިންމާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 20:29
ހަމަހަމަ
ޔާމީން ދޫކޮށްލަން ގޮވާލީމަ އެއީ ޔާމީން ފައިސާ ދީގެން ކުރުވާކަމެއްދޯ ހާދަހެއްވައޭ ވަކިފަރާތަކަށް ޖެހުނަސް ތީ ބޮޑުވަރު