Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 19:38
އަންގާރަ ދުވަހު އަދީބް އައިޖީއެމްއެޗްގައި
އަންގާރަ ދުވަހު އަދީބް އައިޖީއެމްއެޗްގައި
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި
އިތުރު ދެ ޑޮކްޓަރަކަށް ދެއްކުމަށް ވަނީ ލަފާ ދީފައި

ތަފާތު އެކި މައްސަލަތަކުގައި 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާފައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އަންގާރަ ދުވަހު އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،އަދީބް މާލެއަށް ގެނެސް ޑޮކްޓަރަށް ދައްކާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ހަފްތާގައި މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން އަދީބްގެ އާއިލާއާ ހިއްސާކޮށްފައިވާ ސިއްހީ ލިޔެކިޔުންތަކުން، މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަދީބް ގެނެސް، ނާރުގެ ބަލިތަކުގެ ޑޮކްޓަރަކަށް އެމަނިކުފާނު ދައްކާފައިވާކަން ވެސް ހާމަވެފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ނިއުރޮލޮޖިސްޓް ޑރ. ޕިޔުޝް ނިރޫލާއަށް އަދީބް ދައްކާފައިވާ ލިޔުން ނަޝްވާ އާންމު ކުރެއްވިއިރު، އެ ލިޔުމުގައިވާ ގޮތުން ދެ ފަހަރެއްގެ މަތިން އަދީބް ވަނީ ހޭނެތިފައެވެ. އެގޮތުން ފުރަތަމަ އަދީބް ހެނެތިފައި ވަނީ މީގެ އެއް އަހަރު ކުރިން ކަން ޑޮކްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. ދެވަނަ ފަހަރަށް އަދީބް ހޭނެތިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ޖަލުގައި ހުންނަވަނިކޮށް ހޭނެތިގެން ވެއްޓުމުން އަދީބްގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ލިޔުމުގައި ޑޮކްޓަރު ވަނީ އަދީބްގެ ސިކުނޑީގެ އެމްއާރްއައިއަކުން ހާމަވި ކަންކަން ވެސް ބަޔާން ކުރައްވާފައެވެ.

އެމްއާރްއައި އިން ހާމަވި ކަންކަމާ ގުޅިގެން ޑޮކްޓަރު ވަނީ ސޯމަޓޮފޯމް އޮޓޯނޯމިކް ޑިސްފަންކްޝަން ކިޔާ ބައްޔަކަށް އަދީބް ޑައިގްނޯސް ކުރައްވާފައެވެ.

މި ކަންކަންމަށް ރިއާޔަތް ކުރައްވައި މި ލިޔުމުގައި ޑޮކްޓަރު ވަނީ ކަންތައްތަކަކަށް ލަފާ ވެސް ދެއްވާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރުމަށާއި، ކަންބޮޑުވާ، ނުވަތަ ހާސްވާ ފަދަ ހާލާތްތަކާއި ދުރުގައި އަދީބް ބެހެއްޓުމަށާއި، ކޮންމެ ވަގުތެއްގައި ވެސް އަދީބް  ހޭނެތުމުގެ ފުރުޞަތު އޮތުމުން އަބަދު ވެސް އެމަނިކުފާނު ކައިރީގައި މީހަކު ހުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ. އަދި ސައިކޮލޮޖިސްޓަކާށާއި، ކާޑިއޮލޮޖިސްޓަކަށް ދެއްކުމަށާއި، އެއް މަސް ފަހުން ނާރުގެ ޑޮކްޓަރަށް އަލުން ދެއްކުމަށް ވެސް ޑޮކްޓަރު ވަނީ ލަފާދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހު އަދީބް ދައްކާފައި ވަނީ ކާޑިއޮލޮޖިސްޓަކަށެވެ.

ނަޝްވާ ކުރެއްވި ޓްވީޓްގައި އަންގާރަ ދުވަހު އަދީބް ޑޮކްޓަރަށް ދެއްކީ އަނެއްކާ ވެސް އެމަނިކުފާނު ހޭނެތިގެން ވެއްޓުމުންތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަމަލުކުރައްމުން ނުދާކަމަށް ނަޝްވާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި އަދީބްގެ ސިއްހީ ހާލު ގޯސްވެ، ކުރިން ފާހަގަކުރެވިފައި ނުވާ ބައެއް ސިއްހީ މައްސަލަތައް ފާހަގަވެފައިވާއިރު، އެމަނިކުފާނުގެ އާއިލާއިން ދަނީ އެމަނިކުފާނުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ގޭބަންދުގައި ބަހައްޓައިދިނުމަށް އެދެމުންނެވެ. ނިމިގެންދިޔަ އަހަރު ސަރޖަރީއަކަށް ފަހު ދުވަސްކޮޅަކަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާފައިވާ މުއްދަތުގެ ކުރިން އެމަނިކުފާނު ވަނީ ޖަލުބަންދަށް ބަދަލުކޮށްފައެވެ. ގޭގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ވަނީ އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް