Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 11:19
ރައީސް ސޯލިހު ވާހަކަދައްކަވަނީ
ރައީސް ސޯލިހު ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ސޯލިހު
އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ދިވެހިން ބައިވެރިވުމަކީ ދިވެހި މުޖްތަމައަށް ލިބޭ ވަރަށް ބޮޑު ދެރައެއް : ރައީސް ސޯލިހު
ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރައީސް ވަނީ އެދިވަޑައިގެންފައި

ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި، މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

" ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި އަންގާރަ ދުވަހު ހޮޓެލް ޖެންގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގައި ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުން އަންނަ އިރު، ކޮންމެ ޒުވާނަކީ ވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނަކަށް ހެދުންކަމުގައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމްވެފައި އޮތް ތަނެއް ކަމަށް ޤަބޫލުކުރެވިފައި ވީނަމަވެސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމުގައެވެ. އެގޮތުން ދޭދޭ ފަރުދުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ޞުލްޙައެއް ނޯންނާނެ ކަމަށާއި ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ޙަޤީޤަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން ވެސް އެދެނީ، ޞުލްޙަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެން ކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމަކުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަކީ ވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކޮށްދިނުން ކަމުގައެވެ

އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫންކަމަށާއި، އެހެންކަމުން ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި ކައުންޓަ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މި ރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ އަމާނާތެއް ކަމަށް ދެކި، އެ އަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް