ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 00:01
ޖާންވީ ކަޕޫރު
ޖާންވީ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިން ޖާންވީ ފަށައިފި
މި ފިލްމް ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ވަނީ މީޑިއާގައި ދައުރުވާން ފަށާފައި

އިންޑިއަން އެއަރފޯސްގެ ފުރަތަމަ އަންހެން ކޮމްބެޓް ޕައިލޮޓް ގުންޖަން ސަކްސޭނާގެ ބަޔޯޕިކްގެ ޝޫޓިން ޖާންވީ ކަޕޫރު ފަށައިފިއެވެ.

މި ފިލްމް ޝޫޓް ކުރުމަށް ޖާންވީ ވަނީ ޕަންކަޖް ކަޕޫރާ އެކު ލަކްނޯއަށް ގޮސްފައެވެ. އަދި މި ފިލްމް ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ވަނީ މީޑިއާގައި ދައުރުވާން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕަންކަޖް ފެނިގެންދާނީ ޖާންވީގެ ބައްޕަގެ ރޯލުންނެވެ. މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ޖާންވީ ފެނިގެންދަނީ ކާރެއްގައި އިށީންދެއިންދައެވެ.

މީގެ ކުރިން ލީކްވެފައިވާ ފޮޓޯއެއްގައި ޖާންވީ ފެނިގެންދަނީ އިންޑިއަން އެއަރފޯސްގައި ބޭނުންކުރާ ނޫކުލައިގެ ޔުނިފޯމްގައެވެ. އަދި އިސްތަށިގަނޑުގައި ވަނީ ފަހަތަށް ހުޅިއެއް ޖަހާފައެވެ.

ޝަރަން ޝަރްމާ ޑައިރެކްޓް ކުރާ މި ފިލްމްގައި އަންގަދް ބޭދީވެސް ފެނިގެންދާނެއެވެ.

މި ފިލްމްގެ ބޮޑު ބައެއް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ލަކްނޯގައެވެ. އަދި މި ޝޫޓިންތައް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާރޗް މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖާންވީ ބޮލީވުޑަށް ތަޢާރަފްވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ދަޅަކް" އިންނެވެ.

ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ތަޚްތު" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް