Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 16:08
ރައްޔިތުން މަޖިލީހުގެ އިދާރާ
ރައްޔިތުން މަޖިލީހުގެ އިދާރާ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު މަޖިލީހުން ބަލައިގެންފި
މިބިލް މަޖިލީހަށް ބަލައިގަނެފައިވަނީ 42 މެމްބަރުންގެ ވޯޓުން
ގާނޫނީ ޚިދުމަތުގެ ބިލާއި، ގައުމީ ޔުނިވާސިޓީ ގާނޫނު އިސްލާހު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިބިލް ހުށަހެޅުއްވީ އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. މިބިލް މަޖިލީހަށް ބަލައިގަނެފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހު ބިލް ދިރާސާކުރަން ހަތް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން 17 ނޮވެންބަރު 2018 ގެ ފަހުން އުފައްދާފައިވާ ވުޒާރާތަކާއި، ވުޒާރާތަކުގެ މަސައްކަތްތައް ދާއިރާތަކާއި ގުޅޭ ގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުންގެ މަސްއޫލިއްޔަތު އަދާކުރާ މެންބަރު ބަލާ ކޮމެޓީން ދިރާސާކުރާ ގޮތަށް ވެސް ވަނީ ފާސްކޮށްފައެވެ. ފާސްކުރީ 40 މެންބަރުންގެ ވޯޓުންނެވެ. 

މީގެ އިތުރުން މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ވަނީ އަނބުރާ ފޮނުވާލާފައެވެ. އެ ބިލް އަނބުރާ ފޮނުވާލަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. މީގެ ކުރިން ވެސް މިބިލުގައި މައްސަލަތަކެއް ހުރުމުން ކޮމެޓީއަށް ފޮނުވާފައި ވެއެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 3/2011 ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގާނޫނު އިސްލާހު ގެނައުމުގެ ބިލު ވެސް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ. އެ ބިލް ކޮމިޓީ އަށް ފޮނުވަން 39 މެންބަރަކު ވޯޓު ދެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް