Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 15:32
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް މަޖިލީހަށް ބިލެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

އެ ބިލް މަޖިލީހަށް ހުށައެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މުހައްމާ މަޖިލީހަށް ހުށައެޅީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށެވެ. 

އެ ބިލްގައިވަނީ ރާއްޖޭގެ ކަރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ދައުލަތުގެ މުއްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރު އަޅާބަލާއިރު އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ދައުލަތުގެ އިސް މަގާމްތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށެވެ. 

އެ އިސްލާހުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ފަނޑިޔާރުން އާމްދަނީއާ ނުބައްދަލު ފައިސާ ނުވަތަ މުދާ ގެންގުޅުމަކީ ޖިނާއީ ކުށެކެވެ. އެ ކުށަކީ ގާނޫނުލް އުގޫބާތުގެ ޖިނާއަތުގެ ޖިނާއަތުގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެ ފަންތީގެ ބޭފުޅުން ފިޔަވައި އެހެން މީހަކު އެ ކުށްކޮށްފިނަމަ ކުށުގެ އަދަބު ދަށް ކުރުމަށް ވެސް މުހައްމާ ހުށަހެޅި އިސްލާހުގައިވެއެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށަކަށް އެ ކުށް ހަދައި، އަދަބެއްގެ ގޮތުން ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް އިސްލާހުގައިވެއެވެ.

ރާއްޖޭގައި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރެވުނު ނަމަވެސް އެމީހުންގެ މާލީ ހާލަތު ދެނެގަނެވޭނެ ގާނޫނެއް ނެތެވެ. އަދި އެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށާއި، މިނިވަން މުވައްސަސާތަކަށް އައްޔަންކުރާ ހުރިހާ މުއައްޒަފުންނާއި އެމީހުން އިނދެގެން އުޅޭ މީހުންގެ މުދަލާއި މާލީ ބަޔާން ގަވައިދުން ހާމަކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް