Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 18:33
މަޖިލިސް ކޮމިޓީގެ ބައްދަލުވުމެއް
މަޖިލިސް ކޮމިޓީގެ ބައްދަލުވުމެއް
މުހައްމަދު ފަޒީން
ސަފީރުންނަށް ރުހުން ދިނުން
ރުހުން ދޭން ނުފެންނަ ކަމަށް ކުރިން ކަނޑައެޅި ދެ ސަފީރަކަށް ރުހުން ދޭން ކޮމިޓީން ނިންމައިފި
ރުހުން ދޭން ފެންނަ ކަމަށް ނިންމާފައިވަނީ ތައިލެންޑް އަދި ސައުދީ އަރަބިއްޔާއަށް ކަނޑައެޅުއްވި ސަފީރަށް
މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 13 ވަނަ ދުވަހު ބޭއްވުނު ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައިވަނީ މި ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް

ސަރުކާރުން ސަފީރުކަމަށް އައްޔަނުކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވުމުން، ކުރިން ރުހުން ދިނުމަށް ނުފެންނަ ކަމަށް ކަނޑައަޅާފައިވާ ދެ ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމާތާއިބެހޭ ކޮމިޓީއިން ނިންމައިފިއެވެ. 

އާދީއްތަ ދުވަހު މީޑިއާތަކަށް ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ނިންމާފައިވާ، ދެ ބޭފުޅުންނަކީ ތައިލެންޑްގެ ސަފީރުކަމަށް އައްޔަނުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މުހައްމަދު ޖިނާހު އާއި ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް އައްޔަނުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މުހައްމަދު ޚަލީލްއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 13 ވަނަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މި ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖިނާހް އާއި ހަލީލްއަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ނިންމާފައިވަނީ ކުރިން އެ ދެ ބޭފުޅުންނާއި ގުޅޭ ގޮތުން، ކޮމިޓީއަށް ފާހަގަކުރެވުނު ދަރަނީގެ މައްސަލައެއް ނިންމާފައިވާކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކޮމިޓީއަށް އެންގެވުމާއި ގުޅިގެންނެވެ.

ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައިވާއިރު، ސަފީރުކަމަށް މި ދެ ބޭފުޅުން އައްޔަންކުރެވޭނީ މަޖިލީހުގެ ތަޅުމުން މި ދެ ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ނިންމައިފި ނަމައެވެ.

ސަފީރުކަމަށް އައްޔަނުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އަށް ބޭފުޅަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

އެއީ ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް، އަދި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރަކަށް ތިލްމީޒާ ހުސައިން، ބްރަސަލްސްގައި ހުންނަވާ ދިވެހި ސަފީރަކަށް ހަސަން ސޯބިރު، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު ލަތީފް، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކަށް ވިސާމް އަލީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް