Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 19:04
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
އަލީ ސަމާޚް
ޖަމުޢިއްޔާތަކުގެ ވިއުގަ
ޖަމުޢިއްޔާތަކުގެ ވިއުގަ އިފްތިތާހްކޮށްފި
ވިއުގާ އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރ
ޖަމުއިއްޔާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މިވިއުގައިގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ ޖަމުއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގަ ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. 

މި ވިއުގަ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އެވެ. 

މި ވިއުގައިގެ ޒަރީއްޔާއިން ޖަމުއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެހީވެދީ، ޖަމުއިއްޔާތަކަށް ހުރި ފުރުޞަތުތަކާއި، މައުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. ވިއުގަ މެދުވެރިކޮށް މަޞްލަހަތުވެރިންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ޖަމުއިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން ފުރުޞަތު ބޮޑުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެެއެވެ. 

މި ވިއުގަ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގެ ކުދިކުދި ރަށްތައް ޖަޒީރާތަކަކަށް އެކުލެވިގެންވުމާއި، އަދި ޒަމާނަށް މިއަންނަ ބަދަލުތަކާ، ތަރައްޤީއާ ކުރިއެރުމާއެކު ސަރުކާރުގެ ވިސްނުން އޮތީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަންކަން ކުރިއެރުވުމަށް ކަަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މަދަނީ ޖަމުއިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ޖަމުއިއްޔާތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. 

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައި މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމުގައި، މި ކުރެވޭ މަސައްކަތުގައި މިއަދި ތައާރަފު ކުރެވުނު ޕޯޓަލް އިން އިތުރަށް، ޖަމިއްޔާތަކާއި، އަދި އާއްމު ރައްޔިތުންނަށް، ހާއްސަކޮށް ފަންނީ ބޭފުޅުން ގުޅިގެން ތަރައްގީ ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެއް. މި ފަށައިގަނެވުނު މަސައްކަތަކީ، އެތައް ދުވަހެއްގެ ބުރަ މަސައްކަތެއް'' އިމްރާން ވިދާޅުވިއެވެ. 

މި މަަސައްކަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވަރަށް ގާތް ގުޅުމެއް ބަދަހިވެފައިވާ ކަމަށެވެ. 

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މި ވިއުގަ ވުޖޫދަށް ގެނައުމުގައި ޔޫ.އެން.ޑީޕީގެ އެހީތެރިކަން ވަރަށްބޮޑަށްް ލިބިފައިވާ ކަމަށެވެ. 

ޖަމުއިއްޔާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މި ވިއުގައިގެ ސަބަބުން ފަސޭހަވާނެ ކަމަށާއި، މަޝްރޫއުތަކަށް ފައިސާ ހޯދެން ހުރި ފުރުޞަތުތަކާއި، ޖަމުއިއްޔާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ތަމްރީނު ހޯދަން ހުރި ފުރުޞަތުތައްވެސް މިވިއުގައިގެ ތެރެއިން ޙިއްޞާކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެެވެ.

ހޯމް މިނިސްޓްރީން ބުނީ، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާއި، އިދާރީ މަސައްކަތްތައް ކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުމަށްވެސް މިވިއުގައިގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 47 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް