ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:02
\'\'ގޮށްރާޅު\'\'ގެ މައި ކެރެކްޓަރތައް
''ގޮށްރާޅު''ގެ މައި ކެރެކްޓަރތައް
މުހައްމަދު ޝަރުހާން
ގޮށްރާޅު
''ގޮށްރާޅު''ގެ ފަހު ދެ ޝޯގެ ޓިކެޓް ވިއްކަން ފަށައިފި
ފަހު ޝޯތައް އޮންނާނީ ފެބްރުއަރީ 28 އަދި މާރޗު 1 ގައި

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ނެރުނު ފުރަތަމަ ފިލްމު، "ގޮށްރާޅު"ގެ ފަހު ދެ ޝޯގެ ޓިކެޓު ވިއްކަން ފަށަފައިފިއެވެ.

ޑާކް ރެއިންގެ އެއް ބާނީ އަދި ފިލްމުގެ އެއް ޕްރޮޑިއުސަރ، މުޙައްމަދު އަލީ (މޮގަރ) ބުނީ "ގޮށްރާޅު"ގެ ފަހު ދެ ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައި ވަނީ މި ފެބްރުއަރީ މަހުގެ 28 އަދި އަންނަ މާރޗު މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. މި ދެ ޝޯގެ ޓިކެޓު ވެސް މިޙާރު ވިއްކަމުންދާ ކަމަށާއި، ޓިކެޓެއްގެ އަގަކީ 100ރ. ކަމަށް މޮގަރ ބުންޏެވެ.

"ގޮށްރާޅަ" އަށް އޯޑިއެންސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، ފަހު ދެ ޝޯއާ އެކު އޮލިމްޕަހުގައި މި ފިލްމުގެ 30 ޝޯ ހަމަވާނެއެވެ. މީގެ ތެރެއިން 21 ޝޯ ދައްކާފައި ވަނީ ހައުސްފުލްކޮށެވެ. ފިލްމު ބެލުމަށް ފަހު ގިނަ ފަރާތްތަކަކުން މި ފިލްމުގެ މޮޅުކަމުގެ ވާހަކަ އެކި ޕްލެޓްފޯމްތަކުގައި ދައްކާފައި ވެއެވެ. އެގޮތުން ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ މުޙައްމަދު މުންތަސިރު (މުންކޮ) ވަނީ މި ފިލްމަކީ މިހާތަނަށް އޭނާއަށް ބެލެނު އެންމެ މޮޅު ދިވެހި ފިލްމުގެ ގޮތުގައި ސިފަކޮށްފައެވެ. މުންކޮގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ މި ފިލްމަކީ މިހާތަނަށް ސްކްރީނަށް ގެނެވުނު އެންމެ މޮޅު ދިވެހި ފިލްމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޚާއްސަކޮށް މި ފިލްމުގައި ނެގެޓިވް ރޯލަކުން ފެނިގެންދާ ލަވަކިޔުންތެރިޔާ ޒަކިއްޓެގެ އެކްޓިންގ އަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އޮލިމްޕަހުގެ ޒަމާންވީ މެލޯޑްރެމެޓިކް ރަހަގަނޑު ބަދަލު ކޮށްލި 'ލޫދިފާ' ފަދަ ފިލްމުތަކުގެ މުގުލުގައި ހުރި މޫމިން ފުއާދުގެ ވާހަކައަކަށް، ކުޅަދާނަ ވީއެފްއެކްސް އާޓިސްޓް އަދި ސިނެމަޓޯގްރަފަރ އަޙުމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް ނެރެފައި ނުވާފަދަ ކްރައިމް ތްރިލަރއެކެވެ. 18 އަހަރުން މަތީގެ އޯޑިއެންސަށް ތައްޔާރު ކޮށްފައިވާ މި ފިލްމަކީ ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ޝިނާން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފިލްމެވެ.

ކޮމަރޝަލް ފިލްމުތަކުގެ އިތުރުން މޮޅު އާރޓް ފިލްމުތައް ވެސް ގެނެސްދީފައިވާ ޑާކް ރެއިންގެ މި ފިލްމުގައި ދާއިރާއަށް އާ ގިނަ ފަންނާނުންތަކެއް ހިމަނާފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނަކީ ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ، ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އެވެ. މީގެ އިތުރުން ފިލްމުގެ ކީ ކެރެކްޓަރތަކެއް ކުޅޭ އައިޝަތު ތަސްނީމް އާއި އައިމިނަތު ރަޝްފާއަކީ ވެސް ދާއިރާއަށް އާ ދެ ފަންނާނުންނެވެ. މީގެ އިތުރުން ވެސް މި ފިލްމުގައި ނެގެޓިވް ރޯލުތަކުން އިތުރު ޒުވާނުންތަކެއް ވެސް ފެނިގެންދާނެއެވެ.

މޮގަރ އާއި އޭނާގެ އަންހެނުން، އަދި ފިލްމު އުފެއްދުންތެރިޔާ އައިޝަތު ފުއާދް (ލޯކީ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުން ފެނިގެންދާ އިތުރު ފަންނާނުންގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަޙުމަދު ނާޝިތު، މުޙައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާއިލް ރަޝިދު (ކޮޕީ އިއްސެ) ހިމެނެއެވެ.

'ސަޅި' ކާސްޓަކާއި ކްރޫއެއްގެ އިތުރުން މި ފިލްމު ޚާއްސަވާ އަނެއް ސަބަބަކީ މި ފިލްމުގެ ސައުންޑްޓްރެކެވެ. މި ފިލްމުގެ އޯއެސްޓީއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މަޤުބޫލު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާންގެ 'ރާޅެއްހެން'، މި ލަވައެވެ.

- ކޮމެންޓް