Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 22:52
ފ. ފީއަލީ ހެލްތު ސެންޓަރ
ފ. ފީއަލީ ހެލްތު ސެންޓަރ
ރާއްޖެއެމްވީ
ޑެންގީ ހުން
ފީއަލީގައި އަނެއްކާވެސް ޑެންގީ ހުން ފެތުރެނީ!
މިފާއިތުވި ދެ ދުވަހު 5 ކުއްޖަކު ޑެންގީއަށް ޕޮޒިޓިވްވެފައިވޭ
އެއްކުއްޖަކު ހާލު ސީރިއަސް

ފ. ފީއަލީގައި ހަލުއިކަމާއެކު ފެތުރެމުންދިޔަ ޑެންގީހުން ކޮންޓްރޯލްވެފައި އޮތުމަށްފަހު، އަނެއްކާ ވެސް ޑެންގީހުން ފެތުރެން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފީއަލީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަހްމަދު ވިދާޅުވީ ޑެންގީ ހުން ކޮންޓްރޯލްވެފައި އޮތުމަށްފަހު، އަނެއްކާ ވެސް އެހުން ފެތުރެން ފަށާއިފައިވާ ކަމަށެވެ. 

މޫސާ ވިދާޅުވީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި 5 ކުއްޖަކު ޑެންގީ އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އެއްކުއްޖަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. މާލެ ގެނައި ކުއްޖާ ހާލު ސީރިއަސްވެ އޭޑިކޭ އައިސީޔޫގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ވިދާޅުވީ މަދިރި އާލާވާތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދަޅުފުޅިތައް ނައްލެވޭނެ ގޮތެއް ނެތް ކަމަށެވެ. މިތަކެތި ނައްތާލުމަށް ކައުންސިލުން މަސައްކަތް ކުރިނަމަވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމިނިސްޓްރީން މިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

''ކުނި ނައްތާލުމުގެ ވަކި ނިޒާމެއް ނެތް. ކުނި ގޮޑަށް އަޅަނީ ކުނިވާ ޒާތުގެ އެއްޗެހި ވަކިން. ފުޅިދަޅުވަކިން. މިހުންނަ ގޮތަށް ހުންނަނީ. ދޯންޏެއް ގެނެސްގެން މިއެއްޗެހިތައް އަރުވައިގެން ތިލަފުއްޓަށް ގެންދަނީ ތަންކޮޅެއް ގިނަވީމަ. އަދިވެސް މިކަންވާ ގޮތް ނުވެގެން މިއުޅެނީ.'' މޫސާ ވިދާޅުވިއެވެ.

ފީއަލީގައި ނުރައްކާތެރި މިންވަރަށް ޑެންގީ ހުން ފެތުރު މިމަހުގެ 8 ވަނަ ދުވަހު 6 ކުއްޖަކު އެމަޖަންސީގައި އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އަދި މިކުދިންގެ ތެރެއިން ދެކުއްޖަކު އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވެސް ގެންދިޔައެވެ. މިހާރު މިކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

އެދުވަސްވަރު އެރަށުގެ ސްކޫލު ވެސް ވަގުތީ ގޮތުން ބަންދުކުރިއެވެ.

ފީއަލި ކައުންސިލުން ބުނީ ޑެންގީ ހުން ކޮންޓޯލް ކުރުމަށް ކޮންމެ ދުވަހަކު އެރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހޮނިހިރު ދުވަހު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ. ހެލްތް ސެންޓަރުގެ މުއައްޒަފުން ގޭގެއަށް ޒިޔާރަތްކޮށް، އެ ގޭތެރޭގައި ހުރި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް