ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 19:37
ކ.ހުރާގެ ސިއްހީ މަރުކަޒު
ކ.ހުރާގެ ސިއްހީ މަރުކަޒު
ރާއްޖެއެމްވީ
ކ. ހުރާ
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!
ފަރުވާ ދެވެނީ އެންމެ އާދައިގެ ބަލިތަކަށް
މަރުކަޒުގައި އެކަށިގެންވާ ވަރަށް މުއައްޒަފުން ނެތް
އެންމެ އަވަހަށް ބޭނުންވަނީ އެމްބިއުލެންސެއް

އާސާސީ ޚިދުމަތްތައް އަތޮޅު ތެރޭގެ ރަށްރަށުން ނުލިބޭ ވާހަކައަކީ ޒަމާނުއްސުރެ އަޑު އަހަމުން އަންނަ ވާހަކައެވެ. ހުރިހާކަމެއްގައި ވެސް މާލެއަށް ބަރޯސާވެ، ބޭނުންތައް ފުއްދުމަށް ކަނޑުހުރަސް ކުރަން ޖެހޭ ޝަކުވާއަކީ އަތޮޅު ތެރޭގެ ރައްޔިތުން އެންމެ ގިނައިން ކުރަމުން އަންނަ އެއް ޝަކުވާއޭ ބުންޏަސް ދޮގު ކުރެވޭކަށް ނެތެވެ. އެއީ މާލެސިޓީއާ ކައިރި ރަށެއް ވެސް މެއެވެ.

ސްޕީޑް ލޯންޗްގައި މާލެއިން ފުރައިގެން 20 މިނެޓުން ދެވޭ ކ.ހުރާގެ ރައްޔިތުންވެސް ކުރަނީ މިޝަކުވާތަކެވެ. އެރަށުން އެންމެ އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބެއެވެ. ހުރާގެ ސިއްހީ ޚިދުމަތް ވަޅުޖެހިފައިވާއިރު، އެރަށުގެ ސިއްހީ މަރުކަޒުން އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުނު ނަމަވެސް ބޮޑު ބަޔެއް ވެގެން ނުވަތަ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށްވެސް އަންނަން ޖެހެނީ މާލެއަށެވެ. މީގެ އިތުރުން މާލެއާ ކައިރީގައި އޮންނަ ރަށަކަށްވާތީ ގިނަ ޙިދުމަތްތައް އެރަށަށް ނުލިބޭނީއެވެ.

ހުރާ ކައުންސިލްގެ ނައިބް ރައީސް ފަޔާޒު އިބްރާހިމް ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު، ކުރީގެ ސަރުކާރުން އެރަށާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން މާލެ ކައިރި އޮންނަ ރަށަކަށްވާތީ ސިއްހީ ގިނަ ޚިދުމަތްތަކުން މަހުރޫމްކޮށް، މާލެއައުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ މާބަނޑު އަންހެނުންނަށްވެސް މަރުކަޒުން ދެވޭނެ ޚިދުމަތެއް ނެތް ކަމަށާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް އެރަށުގައި ނުހުންނަ ކަމަށެވެ. އަދި ވިހެއުމަށް އަންނަންޖެހެނީ މާލެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ ރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން އެރަށަށް އެހެން ރަށްތަކުން މީހުން ޒިޔާރާތް ކުރަމުންދާއިރު، ކޮންމެ ދުވަހަކުވެސް ފުދޭ ވަރަކަށް މީހުން ޑޮކްޓަރަށް ދެއްކުމަށްދާ ކަމަށާއި، ނަމަވެސް އެންމެ އާދައިގެ ޓެސްޓެއްވެސް މަރުކަޒުން ނުހެދޭ ކަމަށެވެ. އަދި ވިދާޅުވީ ލޭގެ ޓެސްޓާއި، ހަކުރު ބަލި ފަދަ ޓެސްޓްތައް ހަދަން އަންނަންޖެހެނީ މާލެއަށް ކަމަށެވެ.

"އާދައިގެ ޚިދުމަތްތައް މަރުކަޒުން ލިބެނީ. ބޭސް އަޅުމާއި، ރޯޖާޖެހިގެން އާދައިގެން ފަރުވާ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ ރަށުގެ ސިއްހީ ނިޒާމަށް މާބޮޑު ސަމާލުކަމެއްނުދީ ވަޅު ޖައްސާލަފަ އޮތީ. ހައްލު ކުރުމަށް މަސައްކަތް ކުރިން. އެކަމަކު އެއްބާރުލުމެއް ނުލިބު'' ފަޔާޒު ވިދާޅުވިއެވެ.

ހުރާގެ ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ޝަފީގާ އާރިފް ވިދާޅުވީ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެންމެ އަވަހަށް ބޭނުންވަނީ އައު އެމްބިއުލެންސްއެއް ކަމަށެވެ. މިހާރު ބޭނުންކުރާ އެމްބިއުލެންސް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށާއި، އޭގައި ބަލި މީހުން އުފުލުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްބިއުލެންސް ވަރަށް ބޮޑަށް ބާވެފައި. ދުއްވޭ. އެކަމަކު އެންމެ އެކަށީގެން ނުވޭ ބޭނުން ކުރާކަށް. އާ އެމްބިއުންސްލެއް ބޭނުންވަނީ. މިނިސްޓްރީއަށް ރިކުއެސްޓް ކޮށްފައިވާނީ މިހާރު. ލިބޭނެ ވަކި ތާރީހެއް ބުނާކަށް ނޭނގެ" ޝަފީގާ ވިދާޅުވިއެވެ.

ހުރާގެ ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ޝަފީގާ އާރިފް

ދެވަނަ ދަރަޖައިގެ ސިއްހީ މަރުކަޒަކަށް ބަދަލުވެ، 16 ގަޑިއިރުގެ ޚިދުމަތްދޭ ތަނަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ޝަފީގާ ވިދާޅުވީ ހުރާ ސިއްހީ މަރުކަޒަށް މުއައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.

"އަސްލު 16 ގަޑައިރު ޚިދުމަތްދޭތީވެ ބޭނުންވޭ އިތުރަށް ނަރުހުންނާއި، އަދި މިހާރު ހުންނަނީ އެންމެ މެޑިކަލް އޮފިސަރެއް. ރާއްޖެތެރޭގެ ރަށްރަށުގައި ހުންނަނީ އެހެން. އަޅުގަނޑުމެން ބޭނުންވޭ އިތުރު މެޑިކަލް އޮފިސަރެއް. އެންމެ މީހަކު ހުރީމަ އުނދަގޫވޭ" ޝަފީގާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަފީގާ ވިދާޅުވީ ސިއްހީ މަރުޒަކަށް ޖާގައިގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށާއި، ޚިދުމަތް ދިނުމަށް ވެސް ބުރޫ އަރާ ކަމަށެވެ.

މަރުކަޒުގެ ދެއިމާރާތް ހުންނަނީ ވަކިންނެވެ. ބަލިތަކަށް ޚިދުމަތްދޭ ބައި އެހެން އިމާރާތެއްގައި ހުންނައިރު، އޮފީސް ބަޔާއި، ޕަބްލިކް ހެލްތް ޔުނިޓްގެ އިތުރުން ކުދިންގެ ބަރުދަން ބެލުމާއި، ވެކްސިން ދިނުމުގެ ޚިދުމަތް ލިބެނީ އެހެން އިމާރާތަކުންނެވެ.  

ޝަފީގާ ވިދާޅުވީ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، މިނިސްޓްރީންވެސް ޕޮޒިޓިވް ޖަވާބެއްދީފައިވާ ކަމަށެވެ.

2500 އަށްވުރެ ގިނަ މީހުން ދިރުއުޅެމުންދާ ހުރާގެ ސިއްހީ ޚިދުމަތް ވަޅުޖެހިފައިވާއިރު، މިޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ދުވަހަކަށް އެރަށުގެ ރައްޔިތުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭނެ ތަނަކަށް ބަދަލުވެ، ސިއްހީ ފަރުވާ ހޯދުމަށް ކަނޑުހުރަސް ކުރަންޖެހޭ ޖެހުމަކަށް ނިމުން ގެންނަން އެރަށުގެ ރައްޔިތުން ބޭނުންވެއެވެ. މާލެއާ ކައިރި ރަށެއްކަމުގައި ވިޔަސް އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބެންޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ފެބްރުއަރީ 2019 | ހުކުރު 15:31
Raithumeeha
Mirashuga ves thibuni ehves hidhumatheh libeykah neh. Mirashuga ge vaahakaves liyelabala thihaa kerenyyaa. Me adhi thirashah vure dhathurufathuge kanthah ves dhathi rasheh.
22 ފެބްރުއަރީ 2019 | ހުކުރު 14:55
މޯޑް
ތިމީހުންނަށް ވާ 20 މިނިޓުން މާލެ ދެވެއެއްނު. މި އިހަވަންދޫ މީހުންނަށް ދެވެނީ 20 ގަޑި އިރުން. އަންހެނުންގެ ޑޮކްޓައް ނުހުރޭ. އާބާދީގަ 3300 މީހުން. އެންމެ ކައިރިން ކުޅުދުއްފުއްޓަށް ދެވެނީ 45 މިނިޓުން. ކުރީ ސަރުކާރުން ސްކޭން މެށިނެއް ދިން. އެ ދުވަހު އެމްޑީޕީ ކުދިން އެ މެޝިނަށް މަލާމާތް ކުރި. އެކަމަކު މިއަދުވެސް ހުރީ ހަމަ އެމެޝިން. އެކުދިންނަށްވެސް މިހާރު މިގޮތް އޯކޭ.