Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 00:38
އޭސީސީގެ ރައީސް ހަަސަން ލުތުފީ
އޭސީސީގެ ރައީސް ހަަސަން ލުތުފީ
މުހައްމަދު ޝަރުހާން
އޭސީސީ ރިޕޯޓް
އެމްއެމްޕީއާރުސީގެ ރިޕޯޓްގައި ތަހްގީގަށް ލިބުނު ހުރިހާ މައުލޫމާތު ހިމަނާފައިވާނެ، އެއީ ފުރިހަމަ ރިޕޯޓެއް: އޭސީސީން
ރިޕޯޓް އާންމު ނުކޮށް ލަސްކުރި ސަބަބެއް ނެތް

އެމްއެމްޕީއާރުސީން ބައެއް ރަށްތަކާއި ފަޅުތައް ކުށްޔަށް ދޫކޮށްގެން ދައުލަތައް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހްގީގު ހިންގައި ނެރުނު ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް ބުނެ، އެ ރިޕޯޓަށް އާންމުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކަށް އެ ކޮމިޝަނުން ރައްދު ދީފިއެވެ.  

ޕީއެސްއެމް އިން ބުރާސްފަތި ދުވަހު ގެނެސްދިން ރާއްޖެ މިއަދު ޕްރޮގުރާމްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެ ތަހްގީގަށް ލިބުނު ހުރިހާ މައުލޫމާތުތަކެއް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭހާ ތަފްސީލުކޮށް ކަންކަން ބެެއްލެވި ކަމަށާއި އެހެން އެއްވެސް ބަޔަކަށް އެ މައްސަލަ ތަހްގީގުވެސް ކުރެވިފައިނުވާ ކަމަށެވެ.  

އޭސީސީގެ ތަހްގީގު 2017 ވަނަ އަހަރު ނިމުމަށްފަހު އެ ރިޕޯޓު އާންމު ނުކޮށް ލަސްކުރީ ކީއްވެތޯ ޕްރެޒެންޓަރ ކުރި ސުވާލަށް މުއައްވިޒު ވިދާޅުވީ އޭރު އޭސީސީން ނިންމާފައި އޮތީ އެ ރިޕޯޓު އާންމުކުރަން ނުފެންނަ ކަމަށެވެ. ނަމަވެސް ފަހުން އެ ރިޕޯޓް އާންމު ކުރީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.  

އޭސީސީގެ ރިޕޯޓް މިހާރު އާންމުކުރީ ކީއްވެގެންތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ސުވާލު އުފައްދަވާފައި އެވެ. އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ވަނީ އެ ރިޕޯޓް އާންމު ކުރުމަށް އެކި ފަހަރުގެ މަތިން އޭސީސީއަށް ގޮވާލައްވާފައި އެވެ. އަދި އޭސީސީގެ ރިޕޯޓް އާންމު ކުރުމުގެ ކުރިން ލިބިފައި ނުވާ ކަމަށް ވެސް މިހާރުގެ ސަރުކާރުން ބުނެފައިވެ އެވެ.  

ނަމަވެސް މުއައްވިޒު ވިދާޅުވީ އެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހްގީގު ނިންމައި އެ ރިޕޯޓުގައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ 2017 ވަނަ އަހަރު އޭސީސީން އޮންނާނީ ހިއްސާ ކުރައްވާފައި އެވެ. ނަމަވެސް އެއީ މައްސަލައިގެ ތަހްގީގު ރިޕޯޓް ކަމެއް އޭނާ ސީދާ ވިދާޅެއްނުވެ އެވެ. އަދި މިހާރުގެ ރައީސަށް އެ ތަހްގީގުގެ އެއްވެސް ކަމެއް ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅެއްނުވެ އެވެ.  

މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ތަހްގީގުގައި ފާހަގަ ކުރެވުނު ހުރިހާ ކަމެއް ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށާއި އެއްވެސް ކަމެއް އުނިކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވަނީ އެ ކޮރަޕްޝާނާ ގުޅޭ ގޮތުން ކުރިން އެނގިފައިވާ ކަންކަން ރިޕޯޓްގައި ހިމަނާފައިނުވާ ކަމަށެވެ.  

އެ ވާހަކަތައް ދޮގު ކުރައްވައި މުވައްވިޒު ވިދާޅުވީ ނިޔާޒް ނެރުއްވި ރިޕޯޓްގައިވާ ކަންކަން ތަހްގީގުކޮށްފައިވާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފުރިހަމަ އަށް ތަހްގީގު ނުކޮށްވާ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި މުއައްވިޒް ވިދާޅުވީ އެ ތަހްގީގުގައި އެންމެ ގިނައިން ދައުވާކުރަން ޖެހޭނީ އަދީބުގެ މައްޗަށްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.  

އޭގެ އިތުރުން އޭނާ ވިދާޅުވީ 57 ރަށެއް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ ތަހްގީގަކީ ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބަލައި ވަރަށް ފުރިހަމައަށް ކޮށްފައިވާ ރިޕޯޓަކަށް ވިއަސް ބައެއް ކަންކަން ބަލަން ޖެހޭތީ އެކަން ތަހްގީގުކުރަމުންދާ ކަމަށެވެ. އޭރުން މިހާރު ސާފުނުވާ ބައެއް ކަންކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

މުއައްވިޒު ވިދާޅުވީ އެމްޕީއާރުސީ ކޮރަޕްޝަނުގެ މައްސަލައިގެ ވެސް އަދި އެހެން މައްސަލައެއްގެ ތަހްގީގަށްވެސް ސިޔާސީ ނުފޫޒެއް ވަދެފައިނުވާ ކަމަށާއި އެ މައްސަލަތައް ތަހްގީގު ކުރީ ވަރަށް މިނިވަންކަން ކަމާއެކު ކަމަށެވެ.

މުއައްވިޒު ވިދާޅުވި ގޮތުން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީގެ ތަހްގީގު އެ ރިޕޯޓް ޕްރޮސެކިއުޓާ ޖެނަރަލް އަށް އޭސީސީން ވަނީ ފޮނުވާފައި އެވެ. ނަމަވެސް އެ ރިޕޯޓާ ގުޅިގެން އެއްވެސް ކަމެއް އިސްލާހްކުރަން އަދި އެއާ ގުޅިގެން އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން ވެސް މައުލޫމާތެއް އޭސީސީއާ ޕީޖީ އޮފީހުން ހިއްސާކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުންނާ ގުޅިގެން ބައެއް ކަންކަން ތަހްގީގު ކުރުމުގައި ކުރިއަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް