Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 11:50
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަންނަވަނީ: -އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވޭ
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަންނަވަނީ: -އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވޭ
މުހައްމަދު ޝަރުހާން
އާޒިމާގެ މައްޗަށް ކުރާ ދައުވާ
ދައުވާއާ ގުޅޭ ލިޔުންތައް އާޒިމާއާ ހަވާލުކޮށް އަޑުއެހުންތައް ފަށަން ތައްޔާރުވެއްޖެ
އަޑު އެހުންތައް ފަށާނެ ވަކި ދުވަހެއް އަދި ނާންގާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އާޒިމާއާ ހަވާލު ކޮށްފިއެވެ.  

މައްސަލައަށް ޖަވާބުދާރީ ވުމަށް ތައްޔާރުވާން ކޯޓުން ދައުވާއާ ގުޅޭ ލިޔުންތައް އާޒިމާއާ ހަވާލު ކުރެއްވީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޯޓަށް މައްސަލަ ހުށައަޅާތާ ފަސް ދުވަސް ތެރޭގައި މައްސަލައިގެ ލިޔެކިޔުންތައް ދައުވާ ރައްދުވާ ފަރާތައް ހަވާލު ކުރަން ޖެހެއެވެ.

އާޒިމާގެ މައްޗަށް ކުރެވޭ އެ ތުހްމަތުތަކުގެ ތަހްގީގު ނިންމައި ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އާޒިމާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ޖިނާއީ ދެ ދައުވާއެއް އުފުއްލެވީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާކުރިއެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް އެމަނިކުފާނަށް އެންގުމުން އެ ފައިސާ ދައުލަތާ ހަވާލުނުކޮށް އެ އެކައުންޓްތަކުގައި ފައިސާ ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައިއެވެ. އަދި އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން ޔާމީން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރާށެވެ. އެ ކޮމިޝަނާއެކު އެއްބަސްވެވަޑައިގެންނެވި ގޮތައް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފައެވެ.

ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރުމުން އޭސީސީން ފުލުހުން ކިބައިން އެ މައްސަލަ ބަލައިދޭން ހުށައެޅި އެވެ. އާޒިމާގެ މައްޗަށް ވެސް އަދި ރައީސް ޔާމިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެ މައްސަލައިގެ ތަހްގީގުން ހާމަވި ކަންތައްތަކުގެ މައްޗަށެވެ. ރައީސް ޔާމިންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އާޒިމާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދުނު ދުވަހުއެވެ. ޔާމިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާ ގުޅިގެން އެމަނިކުފާނު ހުންނެވީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 11:01
ގޭޓުން މިހާރު
ދައުވާއާ ގުޅޭ ލިޔުންތައް އާޒިމާއާ ހަވާލުކޮށް އަޑުއެހުންތައް ފަށަން ތައްޔާރުވެ ގޭޓުން މިހާރު ވައްދަނީ