ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 00:07
ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް
ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް
ގޫގުލް
ކާޑޭޝިއަން - ޖެނަރ
ކައިލީގެ އެންމެ ގާތް އެކުވެރިޔާ އާއިލާއަށް ބޭވަފާތެރިވީތަ؟
ކައިލީ އާއި ޖޯޑިން ދިމާވެފައިވަނީ އެތަކެއް އަހަރެއް ކުރިން
ޖޯޑިންއަކީ ކްލޯއީއާއި އާއިލާގެ އެހެން މީހުންނާވެސް ގާތް މީހެއް
ބައެއް މީހުން މިއީ އަސްލު ވާހަކައެއްކަމަށް ގަބޫލެއް ނުކުރޭ، ދެކެނީ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ އަންނަ މަހު ރިލީޒްކުރާ ސީޒަންގެ ޕްރޮމޯޝަނެއްކަމަށް

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރިންކަމަށްވާ ކާޑޭޝިއަން-ޖެނަރ އާއިލާ އަނެއްކާވެސް ހަބަރުތަކުގެ ސުރުހީތައް ނަގަން ފަށައިފިއެވެ.

މި ފަހަރު ހަބަރުތަކުގައި އުޅެނީ ކައިލީ ޖެނަރގެ އެންމެ ގާތް އެކުވެރިޔާ، ޖޯޑިން ވުޑްސް، އާއިލާއަށް ބޭވަފާތެރިވި ވާހަކައެވެ.

އެގޮތުން، އެމެރިކާގެ މުނުފޫހިފިލުމުގެ ދާއިރާގެ ހަބަރު ގެނެސްދޭ ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި، ޖޯޑިންވަނީ ކައިލީގެ ދައްތަ، ކްލޯއީ ކާޑޭޝިއަންގެ ލޯބިވެރިޔާ އަދި ދަރިފުޅު ޓްރޫގެ ބައްޕަ، ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ޓްރިސްޓަން ތޯމްޕްސަންއާއެކު ގުޅުމެއް ހިންގާފައެވެ.

(ކ-ވ): ޖޯޑިން ވުޑްސް، ކްލޯއީ ކާޑޭޝިއަން އަދި ޓްރިސްޓަން ތޮމްޕްސަން

ރިޕޯޓްތައް ބުނާ ގޮތުން، ކްލީވްލޭންޑްގައި ދިރިއުޅޭ ޓްރިސްޓަންވަނީ ކްލޯއީއާއެކު ވެލެންޓައިސް ޑޭ ފާހަގަކުރުމަށް ލޮސް އެންޖެލިސްއަށް ދަތުރުކޮށްފައެވެ. އަދި އެއަށްފަހު އައި ހަފްތާ ބަންދުގައި އެލް.އޭގައި އޮތް ޕާޓީއަކަށް އޭނާވަނީ ގޮސްފައެވެ. އަދި މި ޕާޓީގައި ޖޯޑިންއާ ދިމާވެ ދެ "ވަރަށް ގައިގޯޅި"ކޮށް އުޅެނިކޮށް މީހުންނަށް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޖޯޑިން އެ ރޭ ހޭދަ ކުރީވެސް ޓްރިސްޓަންއާއެކުކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ ވާހަކަ ކްލޯއީއަށް އެނގުމުން ޓްރިސްޓަންއާ ސުވާލުކުރުމުން އޭނާ އެއްބަސްވިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފުރަތަމަ އެ ވާހަކަ ރިޕޯޓްކުރެވެން ފެށުމުން ޓްރިސްޓަންވަނީ "ފޭކް ނިއުސް" ކިޔާ ޓްވީޓެއްކޮށްފައެވެ. އޭނާ މިހާރުވަނީ މި ޓްވީޓް ޑިލީޓްކޮށްފައެވެ.

މީގެ އެތަކެއް އަހަރު ކުރިން މަޝްހޫރު ފިލްމީތަރިންކަމަށްވާ ވިލް އާއި ޖޭޑާ ޕިންކެޓް ސްމިތުގެ ދަރިފުޅު ޖޭޑަން މެދުވެރިކޮށް ކައިލީއާ ދިމާވި  ޖޯޑިންއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެ މީހުން އެކުގައި ދިރިއުޅެފައިވާއިރު، ޗުއްޓީވެސް ގިނައިން ހޭދަ ކުރަނީ އެކުގައެވެ. ދާދި ފަހުންވެސް، ކައިލީގެ ދަރިފުޅު ސްޓޯމީގެ އުފަންދުވަހުގެ ކުރިން ކުރި ވަރަށް ޕްރައިވެޓް ދަތުރެއްގައި ޖޯޑިން ބައިވެރިވިއެވެ. އަދި ޖޯޑިންއަކީ އާއިލާ އެންމެނާ ވެސް ގާތް މީހެކެވެ. އާއިލާ އެހެން މީހުންގެ އުފަން ދުވަހާއި އެފަދަ އެހެނިހެން ހުރިހާ ހަފްލާއެއްގައި ބައިވެރިވެސް ވެއެވެ.

ޖޯޑިން އެންމެ ފަހުން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި "ބޭބީގަރލް"ޖަހަފައި ކްލޯއީ ވަނީ ކޮމެންޓްކޮށްފައެވެ.

މިއީ މީގެ ދެ ދުވަސް ކުރިން ކޮށްފައިވާ ޕޯސްޓަކަށްވާއިރު، ޖޯޑިންއޭ ކިޔައިގެން ދެކެވޭ ވާހަކައަކީ އަސްލު ވާހަކައެއްތޯ މީހުން ދަނީ ސުވާލު ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ މާޗް 31 ގައި ފަށާ ކާޑޭޝިއަން-ޖެނަރ އާއިލާގެ ރިއަލިޓީ ޝޯވ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ސީޒަން 16 ޕްރޮމޯޓް ކުރަން އާއިލާއިން ކުރާ ކަމެކެވެ.

ޖޯޑިންއާއި ޓްރިސްޓަންގެ ވާހަކަ ރިޕޯޓްކޮށްފައިވާ އިންސްޓަގްރާމް އެކައުންޓެއްކަމަށްވާ 'ހޮލީވުޑް އަންލޮކްޑް'ގެ ޕޯސްޓެއްގައި ކްލޯއީގެ އެންމެ ގާތް އެކުވެރިޔާ މަލިކާ ހަގްވަނީ މި ވާހަކަތަކަކީ ތެދެއްކަމަށް ދޭހަވާގޮތަށް ކޮމެންޓްކޮށްފައެވެ. އޭނާ ބުނެފައިވަނީ "ވަރުގަދަ ފެކްޓްތަކެއް"ކަމަށެވެ. އަދި ކްލޯއީވެސް ވަނީ ހަމަ އެ ޕޯސްޓްގައި ކޮމެންޓްކޮށްފައެވެ. އޭނާ ޕޯސްޓްކޮށްފައިވަނީ "ހަޅޭއްލަވާ" އިމޯޖީތަކެކެވެ.

'ހޮލީވުޑް އަންލޮކްޑް' ޕޯސްޓްގައި ކްލޯއީ އާއި މަލިކާ ކޮށްފައިވާ ކޮމެންޓްތައް

މިއީ ކްލޯއީއަށް ޓްރިސްޓަން ބޭވަފާތެރިވ ފުރަތަމަ ފަހަރެއް ނޫނެވެ.

2018 ވަނަ އަހަރުގެ އޭޕްރިލް މަހު، ދަރިފުޅު ވިހެއުމަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށް 'ޓީއެމްޒީ'އިން އެފަދަ ވާހަކައެއް ފަޅާ އަރުވާލިއެވެ. އަދި އެ ފަހަރު، ޓްރިސްޓަން އެހެން އަންހެނުންތަކަކާއެކު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ލީކްކޮށްފައެވެ.

އެއަށްފަހު ވެސް، ކްލޯއީ ނިންމާފައިވަނީ ޓްރިސްޓަންއާ ރުޅި ނުވާށެވެ. ނަމަވެސް، ޖޯޑިންއާއެކު ގުޅުން ހިންގި ހަބަރަށްފަހު ދެ މީހުން ރުޅިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކައިލީއާއި ޖޯޑިންގެ ގުޅުންވެސް އެންމެ ރަނގަޅު ނޫންކަމަށާއި، އާއިލާއިން އޭނާއާ ގުޅުން ކަނޑާލަން ނިންމާފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް