Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 00:39
ރައުޝަން ޖިއާން
ރައުޝަން ޖިއާން
ރާއްޖެއެމްވީ
ރައުޝަން ޖިއާން
ޖިއާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ލަފާހޯދުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
ޕީޖީ އޮފީހަށް ލަފާ ހޯޯދުމަށް ފޮނުވާފައިވަނީ 2 ހަފްތާ ކުރިން
އެހާދިސާއަށް 2 މަސްވެއްޖެ

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން ލަފާ ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވައިފިއެވެ.

އެކަމާ ގުޅިގެން ޓްވިޓަރގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޖިއާންގެ ކޭސް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މީގެ ދެހަފްތާ ކުރިން ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ލަފާ ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައުޝަން ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހިގެންނެވެ. އެ ހާދިސާއަށް 2 މަސް ފުރިފައިވާއިރު، ރާއްޖެއިން ފުރިހަމައަށް އެހީތެރިކަން ދިން ކަމަށާއި، މިހާރު އިންތިޒާރު ކުރަނީ ތަހުޤީޤުތައް ނިމޭނެ އިރަކަށް ކަމަށް ރައުޝަން ޖިއާންގެ މަންމަ ފަރްޒާނާ ހުސައިން ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަހުޤީޤުތައް ވަކި ގޮތަކަށް ނިމެންދެން ރާއްޖޭގައި މަޑުކުރަން ނިންމާފައިވާ ކަމަށްވެސް އެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އެހާދިސާއަށް 2 މަސްވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އެފަދަ ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ގަލެއް ވެއްޓި ޖެހުމުގެ ސަބަބުން 44 އަހަރުގެ ބިދޭސީއެއް މަރުވެފައިވާއިރު، ގަލޮޅުގައި ހުންނަ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ކަޓިންގ ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ.

އޭގެ އިތުރުން، ރޯޝަނީމަގު ކިލޯގްރާމް ފިހާރަ ކައިރީގައި ހުރި އިމާރާތަކުން ކުނި ކޮތަޅެއް ބާލަނިކޮށް ލޭއަޅާ ކުއްޖެއްގެ ބޮލަށް ވެއްޓިފައިވާއިރު، މާފަންނު ޕެޓްރޯލް ޝެޑު ކައިރީގައި އިމާރަތް ކުރަމުން ދިޔަ 12 ބުރީގެ އިމާރާތަކުން 13 ފޫޓުގެ ހޮޅިއެއް ވެއްޓުނު ހާދިސާވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި ފާހަގަކޮށްލެވެއެވެ.

ކޮންސްޓަރަކްޝަން ސައިޓްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވުމާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިން  އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ޤަވާއިދެއް އެކުލަވާލައި ޖެނުއަރީ މަހުގައި ވަނީ ގެޒެޓްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް