Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 12:37
އެމްޑީޕީ ޕްރެސް ބްރީފިންގ
އެމްޑީޕީ ޕްރެސް ބްރީފިންގ
ރާއްޖެއެމްވީ
އެޖެންޑާ 19
ޖުޑިޝަރީ އިސްލާހު ކުރަން ނުޖެހޭ ކަމަށް ވިދާޅުވާ ފަރާތްތަކަށް އެމްޑީޕީގެ ރައްދެއް
އެމްޑީޕީން އެންމެ އިސްކަމެއް ދެނީ ޖުޑީޝަރީ އިސްލާހުކުރަން
އިންސާފުު ޤާއިމުނުވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށް އެޕާޓީން ބުނޭ

ޖުޑިޝަރީ އިސްލާހުު ކުރަން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް އެމްޑީޕީން ރައްދުދީފިއެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އިންސާފާއި ހަމަހަމަކަން ރައްޔިިތުންގެ ތެރޭގައި ޤާއިމުކުރެވިފައި ނުވާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި، އެމްޑީޕީން އެންމެ އިސް ކަމެއްގެ ގޮތުން މަސައްކަތް ކުރާނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކަމަށެވެ. 

" އަޅުގަނޑުމެންނަށް މިފަހަކަށް އައިސް ބައެއް ހެޑްލައިންތަކުން އެބަފެނޭ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޖުޑިޝަރީ އޮތީ ވަރަށް ފުރިހަމަކޮށޭ، އިންސާފުގެ ނިޒާމު ނޫނީ ޖުޑީޝަލް ސިސްޓަމަށް އެއްވެސް ކަހަލަ ބަދަލެއް ގެންނާކަށް ނުޖެހެއޭ. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް އެއީ އިންސާފު ޤާއިމު ނުވާކަން. ހަމަހަމަކޮށް އެންމެނަށް އެއް ގޮތަކަށް އިންސާފު ނުލިބޭކަން. މި ޝަކުވާއަކީ އަޅުގަނޑުމެންނަށް ފާއިތުވި އެތައް އަހަރަކު އިވެމުން ދިޔަ ޝަކުވާއެއް " އަފްޝަން ވިދާޅުވިއެވެ. 

އަފްޝަން ވިދާޅުވީ، އެމްޑީޕީން އިސްނަގައިގެން ޖުޑިޝަރީ އިސްލާހު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މަޖިލިސް 19 ގެ ހަރަކާތްތަކުގެ މައިގަނޑު އެއް އަމާޒަކީ ވެސް ޖުޑީޝަރީ އިސްލާހު ކުރުން ކަމަަށެވެ. އެގޮތުން އެޖެންޑާ 19 ގައި ހުށައަޅާފައިވާ ޤާނޫނީ ކޮންސެޕްޓް ތަކަކީ ރައްޔިތުންގެ ޝަކުވާތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ވަރަށް ގިނަ ކަންކަން ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ކޮންސެޕްޓު ތަކެއް ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. 

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަން ހޯމަ ދުވަހުގެ ރޭ 9:00 ގައި އިސްލާމިކް ޔުނިވާރސިޓީގެ ހޯލުގައި އޮންނައިރު، އެ ޕެނަލްގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު ހިސާން ހުސައިންއާއި، ލ.ފޮނަދޫ އެމްޑީޕީ ކެނޑިޑޭޓު މޫސާ ސިރާޖުގެ އިތުރުން ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

އަދި މިރޭގެ ޕެނަލްގައި ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި، ޕަބްލިކް ޑިޕެންޑަރސް އޮފީސް ޤާއިމުކުުރުމާ ގުޅޭގޮތުން އެމްޑީޕީން ހުށައަޅާ ސިޔާސަތު ތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އެމްޑީޕީގެ އެޖެންޑާ 19ގެ "އިންސާފުގެ ހިނގާލުން" ނަމުގައި ބާއްވާ ހިނގާލުމެއް އަންގާރަ ދުވަހު ހަވީރު 4:15 ގައި އެމްޑީޕީ ހަރުގެ ކުރިމަތިން ފެށޭއިރު، އެ ހިިނގާލުމުގެ ތެރެއިން ވެސް އެމްޑީޕީގެ އިންސާފުގެ ސިޔާސަތުތަކާ ގުޅޭ ލީފްލެޓުތައް ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް އަފްޝަން މައުލޫމާތު ދެއްވާފައިވެއެވެ. 

މި ހިނގާލުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި، 2008 ވަނަ އަހަރު ވެސް އެމްޑީޕީން ދައްކާފައިވަނީ އެ ސިޔާސަތުތައް ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެގޮތުން އާސަންދައިގެ ޚިދުމަތާއި، ދުވަސްވީ މީހުންނަށްދޭ އިނާޔަތްތަކާއި، އެކަނިވެރި މައިންނަށް ދޭ އިނާޔަތްތަކުގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމްޑީޕީން މުހިިއްމު ސިޔާސަތުުތަކެއް ތައާރަފް ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. 

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެ ޕާޓީގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންނެވެ. އެ ކަރުދާހުގައި ވަނީ ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތައް އިސްލާހު ކުރުމެވެ. ޑީޖޭއޭ ހިންގާނީ ސުޕްރީމް ކޯޓުގެ ދަށުން ނޫން ކަމަށާއި އެ ޑިޕާޓްމަންޓް ހިންގާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ކަމަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ބުނެފައި ވަނީ އެ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 ފެބްރުއަރީ 2019 | ހޯމަ 09:57
ޔޯޔޯ
ނައިސް ބްރާ