Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 14:37
ރައީސް މީީޑިއާ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް މީީޑިއާ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
މީޑިއާގެ މިނިވަންކަން
މި ސަރުކާރުން އަބަދުވެސް މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރާނެ: ރައީސް
އަބުރުގެ ޤާނޫނު އުވާލުމުން މީޑިއާ ކައުންސިލުން ވަނީ ރައީސަށް ޝުކުރުއަދާކުރައްވާފައި

މި ސަރުކާރުން އަބަދުވެސް މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހު ހެނދުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މީޑިއާގެ މިނިވަން ކަމަށް މީޑިއާގެ މަސައްކަތްތަކަށް ލުއިފަސޭހަ ކުރުމަށް މީޑިއާ ކައުންސިލުން އެދިފައިވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ވަނީ މީޑިއާގެ ތަރައްޤީއަށް އެކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި މީޑިއާގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ކައުންސިލުން ބޭނުންވާ ކަންކަން ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ. 

އޭގެ އިތުރުން އަބުރުގެ ޤާނޫނު އުވާލުމުން ދިވެހިރާއްޖޭގެ މީޑިއާއަށް ލިބިގެން ދިޔަ މިނިވަންކަމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ ރައީސަށް ޝުކުރުއަދާކޮށްފައެވެ. އަދި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބަތު ފާހަގަ ކުރުމަށް އެ ކައުންސިލުން އެކުލަވާލައި ތައްޔާރުކުރި "އަލިމަސް" ފޮތް ވެސް ރައީސަށް ވަނީ އަރުވާފައެވެ. 

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ރައީސް ތަސްދީޤު ކުރެއްވީ 22 ނޮވެމްބަރު 2018 ގައެވެ. އަބުރުގެ ޤާނޫނަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ޤާނޫނެކެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކަށް ހުރަސް އަޅައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ވުޖޫދަށް ގެނައި އެ ގާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން ރާއްޖެ ޓީވީ 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ. 

އެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް