ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 14:46
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު
މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ފ. މަގޫދޫ
މަގޫދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ބޭނުންވޭ!
ކުރީ ސަރުކާރުން ބިން ދޫކުރުން ހުއްޓާލީ ސިޔާސީ ސަބަބުތަކަށްޓަކައި
35 ގޯތި ދޫކުރުމަށް ފަހު އިތުރު ގޯތި ދެވޭނީ ބިން ހިއްކުމަށްފަހު

ބޯހިޔާވަހި ކަމުގެ މައްސަލަޔަކީ މާލޭގެ އިތުރުން ރާއްޖެތެރޭގެ ރަށް ރަށުގައި ވެސް އިންތިހާ އަށް ބޮޑުވެފައިވާ މައްސަލައެކެވެ. އިތުރު ގެތަކެއް އަޅަން ބިން ނެތުމަކީ ރަށްރަށުގެ ރައްޔިތުންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެކެވެ.

ފ. އަތޮޅު މަގޫދޫއަކީ ވެސް ބިމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ރަށެކެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ބިމުގެ ދަތިކަމަކީ ވޭތު ވެދިޔަ ފަސް އަހަރު ތެރޭގައި ކައުންސިލަށް ވެސް ހައްލު ނުކުރެވި، ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުންކަމަށެވެ.

''އަޅުގަނޑުވެސް ދެވަނަ ދައުރު ކައުންސިލްގައި. ފުރަތަމަ ދައުރުގައިވެސް އަޅުގަނޑުމެން އައީ ވައުދުތަކާއެކު. އެންމެ ފުރަތަމަ އެއް ވައުދަކީ ބިމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި، ވަކިން ހާއްސަކޮށް ޒުވާނުންނަށް ބިން ހޯދައިދޭނަމޭ. މިއަދާއި ހަމަޔަށް ވެސް އެކަން ނުވޭ.'' ވަހީދު ވިދާޅުވިއެވެ.  

ކައުންސިލްއިން ކުރި މަސައްކަތުން ވޭތު ވެދިޔަ ސަރުކާރުން 35 ގޯތި ދޫކުރުމަށް ހުއްދަ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 24 ގަޑިއިރު ނުވަނީސް ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުން އެ ބިންތައް ދޫކުރުން ހުއްޓުވީ ކަމަށެވެ.

''ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ކައުންސިލުން ކުރެވެން ހުރި ހުރިހާ ކަންތަކެއް. އެ ގޮތުން ބިން ބޭނުންވާ ފަރާތްތަކަށް ބިން ހޯދުމަށް އިއުލާން ކުރެވުނު. އުސޫލުތައް ހެދުނު. ރައްޔިތުންނަށް ލައްވައި ފާސް ކުރިން. ބިން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިން. އެހެން ނަމަވެސް އެ ހުއްދަ ނުލިބި ދިޔައީ.'' ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.  

ވަހީދު ވިދާޅުވީ އިތުރަށް ބިން ދޫކުރުމުގެ ހުއްދަ ވޭތުވެދިޔަ ހަފްތާގައި ސަރުކާރުން ދީފައިވާ ކަމަށާއި، މިހާރު މަޝްވަރާ ކުރެވެމުން ދަނީ ކުރިން ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް ބަލައި ޗެކްކޮށް ގޯތި ދިނުން ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ދޭން ހަމަޖެއްސި 35 ގޯތި ދިނުމަށް ފަހު އިތުރު އެއްވެސް ގޯއްޗެއް ދެވޭނީ ބިން ހިއްކައިގެން ކަމަށް ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވާ މުޅި ރާއްޖޭގެ ހައުސިން ނީޑް އެސެސްމެންޓެއް ހަދައި އެންމެނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމުގެ މަޝްރޫއު ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ އެއް ވައުދެވެ.  

ޕްލޭނިން މިނިސްޓްރީ އިން އެ ރަށަށް ގޮސް ބިން ހިއްކަން ބޭނުންވާ ސަރަހައްދު ބަލައި ދިރާސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  

''ޕްލޭނިން މިނިސްޓްރީން އައިސް ކައުންސިލާއި ބައްދަލުކޮށް އެ ބޭފުޅުންގެ މަޝްވަރާއި އެކުގައި، ރައްޔިތުންނާއި ބައްދަލުކޮށް އަޅުގަނޑުމެން ވާނީ މަގޫދޫ އިން ބިން ހިއްކާނެ ސަރަހައްދު ކަނޑައަޅައި ޕްލޭނިން މިނިސްޓްރީ އަށް ހުށައަޅާފައި'' ވަހީދު ވިދާޅުވިއެވެ.

މަގޫދޫގެ ބިމުގެ ދަތިކަށް ހައްލެއް ލިބުމަކީ އެރަށު ރައްޔިތުންގެ އެނެމް ބޮޑު އުއްމީދެވެ. މި ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން  އެ ރަށު ރައްޔިތުންގެ އެބަ އޮތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ފެބްރުއަރީ 2019 | ހުކުރު 11:33
ބިމުގެދަތިކަނަނެތް
ބިމުގެދަތިކަނަނެތް ތަންތަނަށް ދޭބަލަ، ޖަޒީރާ ވަންތަކަން ގެއްލޭގޮތަށް ރަށްރަސުގެ ދިރުންހުރި ފަޅުތަކެއް ނުހިއްކޭނެ