ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100" ގެ ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފިއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ކުންފުނި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް ވަނީ ކަނޑައަޅާފައެވެ.
މި އަހަރު އެވޯޑް ލިބޭ ފަރާތްތައް އާންމު ކުރެވިގެންދާނީ 23 ފެބްރުވަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ.
ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ. 2017 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަށާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރ އަދި އެ ކުންފުނީގެ އެއް ބާނީ ކަމުގައިވާ އަހުމަދު ނަޒީރަށެވެ.
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.