ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ހާއްސަ ފެޑަރޭޝަނެއް އެސްއެމްއީ އެންޑް އެންޓަރޕްރަނަރސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) ގެ ނަމުގައި އުފައްދައިފިއެވެ.
ސެފްއެމްއަކީ ޑިސެންބަރ މަހު ރަޖިސްޓްރީ ކުރެވިފައިވާ ފެޑަރޭޝަނެކެވެ. އެ ފެޑަރޭޝަންގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މައުނަވީ ގޮތެއްގައި އެހީތެރި ފޯރުކޮށްދިނުމާއި ވިޔަފާރީގެ އިރުޝާދުތަކާއި، ސެމިނާތަކާއި، ފަންޑިން ހޯދާ ދިނުމާއި، ރޯޑްޝޯ، އަދި ވިޔަފާރިގެ މައުރަޒުތަކާއި، އިންޑަސްޓްރީ ބެންޗްމާކްސް ގާއިމްކޮށް ކުދި އަދި މެދުފަންތީގެ ފަރާތްތަކުގެ އަގުވަޒަންކޮށް، ހައްގުވާ ފަރާތްތަކަށް މައުނަވީ ގޮތެއްގައި އެވޯޑްސް ދިނުމާއި، ފުރިހަމަ ރައްތްޔިތެއް ބިނާ ކުރުމަށްޓަކާ ގައުމުގެ އިޤްތިސާދު، އަދި އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ހުރިހާ ސްޓޭކް ހޯލްޑަރ އިންނާއި އެކު މަސައްކަތް ކުރާނެ ފެޑަރޭޝަނެކެވެ.
މި ފެޑަރޭޝަން ފޯކަސް ކުރާ ފަރާތްތަކަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ އަދި ކުރަން ޤަސްދުކުރައްވާ ފަރާތްތަކާއި އެންޖީއޯތަކާއި ކޯޕަރޭޓް ސޮސައިޓީތަކަށެވެ. މީގެ އިތުރުން ބޮޑެތި އޯގަނައިޒޭޝަންތަކަށް ވެސް ފެޑަރޭޝަންގެ ދޮރު ވަނީ ހުޅުވާލެވިފައެވެ.
ސެފްއެމްގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން އިންޑިއާގެ ނިއު ދިއްލީއަށް ދަތުރު ފަށާފައިވާއިރު މި ދަތުރުގައި އިންޑިއާގެ މަޝްހޫރު ވިޔަފާރި ޗެމްބަރ އަދި އެކިއެކި ފެޑަރޭޝަންސްތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ފެޑަރޭޝަނުން ބުނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފެޑަރޭޝަންގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ދަތުރުގައި އިންޑިއާގެ ޗެމްބަރސްތަކާ ބައްދަލުކުރުމަށާއި އިންޑިއާގެ އެންޖީއޯތަކާއި ރާއްޖޭގެ އެންޖީއޯ ގުޅިގެން ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލާ، ވިޔަފާރީތަކަށް ހުރި ފުރުސަތުތައް ބަލުމުގެ އިތުރުން ނެޓްވޯކް ކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ސެފްއެމްގެ އުންމީދަކީ، ރާއްޖޭގެ ކުދި ވިޔަފާރިވެރިންނަށް އަމަލީ ގޮތުން ފެންނާނެ ނަތީޖާއެއް ލަސްތަކެއްނުވެ ގެނެސްދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގައި ވެސް އެކި ކަހަލަ ވިޔަފާރި އާއި ގުޅޭ ފޯރަމްތަކެއް ބާއްވާ ޖަޒީރާވަންތަ ގޮތެއްގައި ފުރުސަތުތައް ހުޅުވާލުމަށް މަގުފަހިކޮށްދިނުމެވެ.
ސެފްއެމްގެ މި ދަތުރުގައި މަޓާޓޯ، ނެޝެނަލް ބޯޓިންގ އެސޯސިއޭޝަން، ކޮންޓްރެކްޓަޒް އެސޯސިއޭޝަންގެ ބައެއް މެމްބަރުން ބައިވެރިވެފައިވާއިރު ދަތުރު ނިންމާލުމަށްފަހު އެ ފެޑަރޭޝަނުން ރާއްޖެއައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.