އަފްޣާނިސްތާނުގެ އިލެކްޝަންސް ކަމިޝަން އުވާލައިފިއެވެ.
އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީގެ ސަރުކާރުން އެ ގައުމުގެ އިންތިޚާބާއ ބެހޭ ކަމިޝަން އުވާލާފައި ވަނީ މިއަހަރު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު އަންނަ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
އެގައުމުގެ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކަމިޝަނާއި އިލެކްޝަންސް ކަމިޝަނުގެ ކޮންޕްލެއިންސް ކަމިޝަން ވެސް އުވާލާފައިވާ ކަމަށެވެ. އެ ދެކަމިޝަން އުވާލާފައިވާ ސަބަބެއް ހާމަކޮށްފައި ނުވާއިރު އާ އިލެކްޝަންސް ކަމިޝަނަކަށް ނަންތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ސިވިލް ސޮސައިޓީތައް ރެޕްރެޒެންޓް ކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ފަރާތްތަކަށް ނަންތައް ނޮމިނޭޓް ކުރަން ދީފައި ވަނީ އެއް ހަފްތާއެވެ.
ބޮޑެތި ހަމަނުޖެހުންތަކަކާ ހެދި މީގެ ތިން މަހެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ ވެސް އިއުލާން ކޮށްފައެއް ނުވެއެވެ.
ޖުލައި މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބު ބާއްވާނެކަން އިއުލާން ކޮށްފައިވާއިރު މިދިޔަ އޮކްޓޯބަރ މަހު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް ވެސް ތާލިބާނުންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން ވަނީ ހުރަސްއެޅިފައެވެ.
އެފަހަރުގެ ކެމްޕެއިނުގައާއި ވޯޓްލުމުގައި ވެސް ހަމަނުޖެހުން ހިނގާފައިވާއިރު 10 ކެނޑިޑޭޓަކު މަރާލާފައި ވެއެވެ. ވޯޓްލާ މަރުކަޒުތަކުގެ ކައިރީގައި ވެސް އެއްޗެހި ވަނީ ގޮއްވާލާފައެވެ.