ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ދެއްވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލިސް އިންތިހާބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އާ ސަރުކާރު އައީ ރާއްޖެ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮއްވައި ކަމަށާއި، އެއީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
" އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވެރިކަމާ ހަވާލުވުމަށް ފަހު ވެސް ރައީސްގެ ނިންމުންތަކަށް މަސައްކަތް ކުރަނީ ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރަން. ރާއްޖެއަށް އަޅުގަނޑު ދެކޭ ގޮތުގައި ހަމަޖެހުން އައިސްފި. މިހާރަކު ނުފެނޭ އިރުއަރާ އިރުއޮއްސޭއިރު ކޮންމެސް ގެއެއްގެ ދޮށަށް ފުލުހުން ގޮސްގެން މީހުން ހައްޔަރުކުރާ ތަނެއް. ވިޗް ހަންޓަކަށް ދިޔަ ތަނެއް ވެސް ނުފެނޭ. ހަމަ ރައްޔިތުންނާ އެއްކޮށް ވަރަށް ގާތުން މަސައްކަތް ކުރާތަން ފެންނަނީ. އަޅުގަނޑު ދެކޭގޮތުގައި ފަހުގެ ތާރީޚުގައި އަޅުގަނޑުމެންނަށް ލިބުނު ނަސީބެއް މިކަހަލަ މަޑުމައިތިރި އޯގާތެރި އަދި ހިންގުންތެރި ރައީސެއް ރާއްޖެއަށް ލިބިގެން ދިއުމަކީ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް މަސައްކަތް ކުރައްވަނީ ވަކި ފިކުރަކަށް ބެލުމެއް ނެތި ކަމަށާއި، މިނިސްޓްރީން ވެސް މަސައްކަތް ކުރަނީ ވަކި ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި ކަމަށެވެ.
" އަޅުގަނޑު ދަންނަވަން އޮތީ ސަރުކާރުގެ ވަޒީރެއްގެ ހައިސިއްޔަތުން އަދި ކޮންމެވެސް މަސައްކަތެއް މި އިސްލާހީ މަސައްކަތުގައި ވެސް ކުރެވުނު މީހެއްގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައޭ އަޅުގަނޑުމެން ތިބެންވީ މި 5 އަހަރު. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ފަސޭހަވާނެހެން އެމަނިކުފާނަށޭ އަޅުގަނޑުމެން އަޢުލަބިއްޔަތު ދޭންވީ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރައްޔިތުން ހޮވާފައިވަނީ ޤައުމީ ސަރުކާރެއް ކަމަށާއި، ޚިޔާލު ތަފާތުވުންތަކާ އެކުވެސް ސަރުކާރު ދެމެހެއްޓުމަށް ކުރިއަށް އޮތް 5 އަހަރު އެއްބައިވަންތަކަމާއެކު ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި ކޮޅަށް ނެގުމަށް ވެސް ރާއްޖެއަށް ސްޓެބިލިޓީ ބޭނުންވާ ކަމަށާއި، ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ދަށުން ހުރިހާ ޤައުމަކާ ގުޅުން ބަދަހިކޮށް ޤައުމަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޢުލަބިއްޔަތު ލިބެން ޖެހޭ ކަމަށެވެ.
" އަޅުގަނޑު ހަމަ ކުރުކޮށް ދަންނަވާނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަޢުލަބިއްޔަތު ދޭށޭ އަޅުގަނޑުމެންގެ ކޮމިޓްމަންޓް އޮތީ. އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައިވެސް ނުކުތީ ވަކި ކުލައެއް ފިކުރެއް ބެލުމެއްނެތި ޤައުމީ މަސައްކަތެއްގައި. އެހެންވީމާ، ރައީސް ޕްރޫވް ކޮޮށްދެއްވައިފި މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް ރައީސް ވަކި ފިކުރަކަށް ނުބައްލަވާ ކަމަށާއި، އަދި އޯގާތެރި މަޑުމައިތިރި ރައްޔިތުން އެދޭ ކަހަލަ ދިވެހި ރައީސެއްގެ ކިބައިގައި ހުންނަންޖެހޭ ސްޓޭޓްމަންޝިޕާ އެއްކޮށް ވެރިކަން ކުރައްވާނެކަން. އެހެންވީމާ އަޅުގަނޑު އެދެނީ ހަމަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު ދިނުން ވަރަށް ސާފުކޮށް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، އާ ސަރުކާރެއްް ރައްޔިތުން އިންތިހާބު ކުރީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.