ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 20:53
ޝްރައްދާ ކަޕޫރު
ޝްރައްދާ ކަޕޫރު
ގޫގުލް
ބޮލީވުޑް
''ބާގީ 3'' ގެ ބަތަލާއަކީ ޝްރައްދާ
ޝްރައްދާ ވަނީ ޓައިގާ ޝްރޯފްއާ އެކު މި މި ފްރެންޗައިސްގެ ފުރަތަމަ ފިލްމް "ބާގީ" ގެ ބަތަލާގެ ރޯލު ކުޅެފައި

ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރު "ބާގީ 3" ކުޅުމަށް ސޮއި ކޮށްފިއެވެ.

ޝްރައްދާ ވަނީ ޓައިގާ ޝްރޯފްއާ އެކު މި މި ފްރެންޗައިސްގެ ފުރަތަމަ ފިލްމް "ބާގީ" ގެ ބަތަލާގެ ރޯލު ކުޅެފައެވެ.

މި ފްރެންޗައިސްގެ ދެވަނަ ފިލްމް "ބާގީ 2" ގެ ލީޑް ރޯލުން ޓައިގާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. އަދި "ބާގީ 3" ގެ ލީޑް ރޯލުން ޓާއިގާއާ އެކު ދިޝާ ނުވަތަ ސާރާ އަލީ ޚާން ފެނިގެން ދާނެ ކަމަށް ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނަމަވެސް އެ ރޯލަށް މިހާރު  ހަމަޖައްސަފައިވަނީ ޝްރައްދާއެވެ. ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ނަދިއާދް ވާލާ ގްރޭންޑް ސަންސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  "ބާގީ 3" އަށް ޝްރައްދާ ހަމަޖައްސާފައިވާ ކަމަށެވެ. ޝްރައްދާ އާއި ޓައިގާގެ ޕެއަރ "ބާގީ" ގައި ވެސް ވަރަށް ގުޅޭ ކަމަށާއި މި ފްރެންޗައިސްގެ ފޭނުން ވެސް އެ ދެ ތަރިން އެކުގައި ބަލައިލުމަށް ކެތްމަދުވެފައި ތިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ "ބާގީ 2" ވެސް ޑައިރެކްޓަރ އަހުމަދު ޚާންއެވެ. އަދި ފިލްމް ޕޮރޮޑިސްކުރުމަށް ހަމަޖެހިފައިވަނީ ސާޖިދް ނަދިއާދްވާލާއެވެ.

"ބާގީ 2" ވެގެން ގޮސްފައި ވަނީ 2018 ވނަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އަދި މި ފިލްމް ވެގެން ގޮސްފައިވަނީ ޓާއިގާގެ ކެރިއަރގައި އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ. މި ފިލްމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 250 ކްރޯޑަށް އަރާފައެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިންނެވެ. މީގެ އިތުރުން ޓައިގާ ދަނީ ރިތިކް ރޯޝަންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގެ ނަން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ފިލްމަކީ ޔަޝް ރާޖް ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ.

ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރާޖްކުމާރު ރާއޯއާ އެކު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެއް ކަމަށްވާ "ސްޓްރީ" އިންނެވެ.

"ބާގީ 3" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 6 ގައެވެ.  

- ކޮމެންޓް