އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ބަޖެޓު ހޮޓަލެއްގައި ރޯވުމާ ގުޅިގެން 17 މީހަކު މަރުވެއްޖެއެވެ.
ނިއު ދިއްލީގެ މެދުތެރޭގެ ސަރަހައްދެއް ކަމަށްވާ ކެރޮލް ބާގްގައި ހުންނަ ހޮޓެލް އަރްޕިތް ޕެލެސްގައި އަންގާރަ ދުވަހު ހިނގި ހާދިސާގައި އަލިފާން ރޯވީ ފަތިހުގެ ވަގުތެއްގައެވެ. މަރުވީ މީހުންގެ ތެރޭގައި އަލިފާން ރޯވުމާ އެކު ހޮޓެލުގެ ޓެރަހުން ފުއްމާލި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިއްލީގެ ޑެޕިއުޓީ ފަޔަރ ޗީފް ވިރެންދްރަ ސިންގް ވިދާޅުވީ، އަލިފާން ނިއްވަން މަސައްކަތްކުރާ ފަރާތްތަކުން 35 މީހަކު އެ އިމާރާތުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 މީހަކު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ވިރެންދްރަ މައުލޫމާތު ދީފައިވެއެވެ.
ފަތިހު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު ގަޑިން 8:00 ގައެވެ. އެ ސަރަހައްދުގައި އަލިފާން ނިއްވަން ބޭނުންކުރާ 30 އަށް ވުރެ ގިނަ އުޅަނދު ހަރަކާތްތެރިވެފައި ވެއެވެ.
ހޮޓެލު ހުރި ސަރަހައްދަށް ޒިޔާރަތްކުރި ޔޫނިއަން ޓުއަރިޒަމް މިނިސްޓަރު ކޭޖޭއަލްފޮންސް ވިދާޅުވީ އެ ހޮޓަލުން ނިކުންނަން ހުރި ދޮރު ހުރީ ތަޅުލާފައި ކަމަށެވެ. އަދި އިމާރާތުގެ ތެރޭގައި ލަކުޑިން ހަދާފައި ހުރި ތަކެތި ގިނަ ކަމުން، އަލިފާންގަނޑު އަވަހަށް ފެތުރުނު ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެ އަވަށުގެ މޭޔަރު އަރިހުން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދިއްލީގެ ސަރަހައްދީ ސަރުކާރުން ވަނީ މަރުވީ ކޮންމެ މީހެއްގެ އާއިލާއަށް 5 ލައްކަ ރުޕީސް ދޭން ނިންމާފައެވެ.
މި ހާދިސާއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
Deeply saddened by the loss of lives due to a fire at Karol Bagh in Delhi.
— PMO India (@PMOIndia) February 12, 2019
I convey my condolences to the families of those who lost their lives.
May the injured recover soon: PM @narendramodi
މި ހާދިސާ ހިނގި ކެރޮލް ބާގް ސަރަހައްދަކީ ފަތުރުވެރިންގެ ތެރޭގައި މަގުބޫލު، ދިއްލީގެ ވިޔަފާރީގެ ހަބެއް ކަމުގައިވާ ކޮންނޯޓް ޕެލެސް ކައިރީގައި އޮންނަ ހިސާބެކެވެ. މި ހިސާބަކީ ދިއްލީގެ މުއްސަންދިން ވިޔަފާރިކުރާ މަތީ ފަންތީގެ ފިހާރަތައް ވެސް ގިނަ ސަރަހައްދެކެވެ.