Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2019 | ހުކުރު 19:18
އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށީގައި އިމރާތްކޮށްފައިވަ ރޯހައުސްއެއް
އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށީގައި އިމރާތްކޮށްފައިވަ ރޯހައުސްއެއް
ރާއްޖެ އެމްވީ
ކުޅުދުއްފުށީގެ ބޯހިޔާވަހިކަން
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ހުއްޓިފައި: ކައުންސިލް
ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ
އެދުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވީހާ އަވަހަށް ހައްލެއް ލިބިގެންދިޔުން

ހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ހުކުރު ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ފާއިތުވި 13 އަހަރު ވަރަށް ގިނަ ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށެވެ.  

ހދ. ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވާ ލަތީފް ވިދާޅުވީ ރޯހައުސް ހެދުމުގެ މަސައްކަތް 2012 ވަނަ އަހަރު ހުއްޓިފައިވާ ކަމަށާއި އެ ރޯހައުސްގެ ތެރެއިން މަސައްކަތް ނިމުނު 20 ރޯ ހައުސް އާންމުންނާއި ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. މާފަލުހިޔާގެ ރޯ ހައުސްގެ މަސައްކަތް 95 އިންސައްތަ ނިމިފައިވީ ނަމަވެސް އާންމުންނަށް ރޯ ހައުސް ދޫނުކުރެވި 7 އަހަރު ފާއިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަ ހިޔާގެ 100 ރޯ ހައުސް މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެތަން ވީރާނާވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ދެ ފަހަރެއްގެ މަތިން ބަޔަކާ އެތަން ހަވާލުކުރި ނަމަވެސް މިހާރު އެތަން ވީރާނާ ވުމުގެ ސަބަބުން އެތާނގެ މަސައްކަތް ވެސް އަލުން ކުރަން ޖެހިފައިވަނީ ކައުންސިލުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރާއި ބައްދަލުކޮށް ކައުންސިލުން މީގެ ކުރިން ޝަކުވާތައް ހުށަހެޅި ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ސަރުކާރުގެ ހައުސިންގ މިނިސްޓަރު އާތިފާ ޝުކޫރުއާ ބައްދަލުކޮށް ކައުންސިލްގެ ފަރާތުން ބޯހިޔާވަހިކަމުގެ ޝަކުވާ ހުށަހަޅާފައިވީ ނަމަވެސް މި މަޝްރޫއުތައް އަލުން ފެށޭނެ ތާރީހެއް ނޭނގޭ ކަމަށް ކައުންސިލުން ބުންޏެވެ.

އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށީގައި އިމރާތްކޮށްފައިވަ ރޯހައުސްއެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނެކަން ފާހަގަކޮށް ކައުންސިލްގެ ފަރާތުން ބުނީ ރަށުގެ އާބާދީ މިހާރު އިތުރުވެފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރައްޔިތުން އަދި ކައުންސިލްގެ އެދުމަކީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވީހާ އަވަހަށް ހައްލެއް ލިބިގެންދިޔުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް