Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2019 | ބުރާސްފަތި 12:22
ރައީސްގެ ރިޔާސީ ބަޔާން އިއްވެވުން
ރައީސްގެ ރިޔާސީ ބަޔާން އިއްވެވުން
މަޖިލިސް
ރިޔާސީ ބަޔާން 2019
ކޮރަޕްޝަނާއި ހިޔާނާތްތައް ބެލުމަށް ބޭރުގެ ފަންނީ އެހީތެރިކަން ހޯދަން ފަށައިފިން: ރައީސް
މަޤާމާ ހަވާލުވެ ވަޑައިގަތް އިރު ކޮރަޕްޝަން އޮތް މިންވަރަށް އަލިއަޅުވާލެއްވި
ކޮމިޝަން ތަކުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަން ދަނީ ހޯދަމުން

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލައިި ތަހުޤީޤު ކުރުމަށް ބޭރުގެ ފަންނީ އެހީތެރިކަން ހޯދަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެން އިއްވެވި ފުރަތަމަ ރިޔާސީ ބާޔާނުގައި ވިދާޅުވީ، ހިޔާނަތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ހޯދާފައިވާ ކަމަށާއި، ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހްގީގުތައް ފަށާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ކޮރަޕްޝަން ހުރި މިންވަރާ ގުޅޭގޮތުންވެސް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ.

"އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން އެކަމުގައި ހޯދަމުން އަންނަ ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ ކަމަށްވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތްތައް ހޯދާ ކޮމިޝަންގެ މަސަައްކަތް މިހާރު މިސްރާބު ކުރެވިފައި ހުރީ ނަތީޖާއަކާ ހަމައަށް ދިއުމާ ހިސާބުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ޙަޤީޤަތްތައް ހޯދާ ކޮމިޝަންގެ މަސައްކަތް މިހާރު މިޞްރާބު ކުރެވިފައި ހުރީ، ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި، އެހެނިހެން ގޮތްގޮތުން މިހާތަނަށް ލިބިފައިވާ ހެކިތައް، ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި، އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މަޢުނަވީ ނަތީޖާއަކާ ހަމައަށް ދިޔުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ދައުލަތުުގެ ހިޔާނާުގެ މައްސަލަތައް ބެލުމަށާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަންތަކެއް އުފައްދަވާފައެވެ. އަދި އެ ކޮމިޝަން ތަކުން ކުރާ ތަހުޤީޤުތަކަށް ބޭރުގެ ތަޖުރިބާކާރު ފަރާތްތަކުގެ ފަންނީ އެހީތެރިކަން ހޯދައި ކޮމިޝަނުގެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް މިސަރުކާރުން އަމާޒުހިފާފައިވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް