Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 13:29
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް
މުހައްމަދު ޝަރުހާން
މައުމޫނާ ޕީޕީއެމް ހަވާލުކުރުން
މައުމޫނާ ޕީޕީއެމް ހަވާލުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ދެ މެންބަރަކު ހުށަހަޅާފައި ވަނީ ރައީސް މައުމޫނާ ޕާޓީގެ ހިންގުން ހަވާލުކުރުމަށް

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. 

އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ސިވިލް ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށާއި، އެ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނުގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މައްސަލައިގެ ފައިލުތައް ނަގާފައި ވަނީ ޕީޕީއެމްގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް އެ މައްސަލަ ހުށައަޅައި މައްސަލަ ރަޖިސްޓާރ ވެސް ކުރި ފަހުން ކަމަށެވެ. 

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ އަލީ އަހުމަދާއި އަހުމަދު ރަޝީދު ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވި އިބްރާހީމް ރިޒާ ވަނީ ވިދާޅުވެފައެވެ. އެފަރާތުން ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މީގެ ކުރިން އެ މައްސަލަ ނިންމައި އޭރު ޕާޓީގެ މުސްތަޝާރަކަށް ހުންނެވި އަބްދުﷲ ޔާމީނާ ޕާޓީ ހަވާލުކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ފައިސަލް ވިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރުން ހުށައަޅާފައިވާ މައްސަލައަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލާފައިވާ މައްސަލައެއް ނޫން ކަމަށާއި، އޭރު ހުށައެޅި މައްސަލައަކީ ރައީސް މައުމޫނު ޕީޕީއެމްގެ ކަންކަން ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް ކަަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ މައްސަލަ އާއި ކުރިން ނިންމާފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. 

ފައިސަލް ވިދާޅުވީ، 17 ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ޤައުމީ މަޖިލީހުން އެޕާޓީގެ ރައީސަކަށް މައުމޫނު ހަމަަޖައްސާފައިވާ ކަމަށާއި، އޭގެ ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާތީ، ޕީޕީއެމްގެ މިވަގުތު މުސްތަޝާރެއް ނެތުމާ އެކު، އެ ޕާޓީގެ ހިންގުން ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. 

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމައި މައްސަލަ ބާތިލުކޮށްފައެވެ. 

ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލަތަކެއް ކޯޓުތަކަށް ހުށަހެޅި މައްސަލަ ނުނިމި ލަސްވަމުން ދާތީ ރައީސް ޔާމީން އަޑީގައި ހުންނަވައިގެން އެ ޕާޓީގެ އިސް ބޭފުޅުން މެދުވެރިކޮށް އާ ޕާޓީއެއް ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ވަނީ ޕާޓީއެއް އުފައްދާފައެވެ. އަދި ރައީސް މައުމޫނު ވެސް ވަނީ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް)ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް