Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2019 | އަންގާރަ 10:40
ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޖެނުއަރީ 22 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޖެނުއަރީ 22 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ
ހަވެލި ފެއަރގައި 80 އަށް ވުރެ ގިނަ ޖަމްއިއްޔާ އިން ބައިވެރިވެފައިވޭ: ހޯމް މިނިސްޓްރީ
މަދަނީ ޖަމްއިއްޔާތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު
ފެއަރ ފަށާނީ މާރޗް މަހުގެ 16 ވަނަ ދުވަހު

މަދަނީ ޖަމްއިއްޔާތަކުގެ ފެއަރގައި ބައިވެރިވުމަށް 80 އަށް ވުރެ ގިނަ ޖަމިއްޔާއިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ފެއަރގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ކުރިޔަށްދާ ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތަކީ ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ހޯދުމުގެ މަސައްކަތް ކަމަށެވެ.  

ނަޒީރު އިތުރަށް ވިދާޅުވީ ގިނަ އަތޮޅުތަކުގެ ޖަމްއިއްޔާތަކުން ފެއަރގައި ބައިވެރިވެފައިވާ ކަމަށާއި ޖަމްއިއްޔާތަކުގެ ފަރާތުން ފެއަރއަށް ލިބޭ ތަރުހީބަށް ބަލާއިރު އަދި ވެސް ގިނަ ޖަމްއިއްޔާތަކުން ބައިވެރިވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

"ހަވެލި" ނަމުގައި ބާއްވާ މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ފެއަރގެ އެއް ދުވަސް ހާއްސަކުރެވިފައި ވަނީ ބޮޑެތި ވިޔަފާރީތައް ތަމްސީލު ކުރާ ފަރާތްތަކަށެވެ. އަނެއް ދެ ދުވަސް ހާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

ހޯމް މިނިސްޓްރީން ބުނީ ފެއަރގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި ފެއަރގައި ބައިވެރިވާ ޖަމްއިއްޔާތަކަށް، އެ ޖަމްއިއްޔާގެ މަސައްކަތާއި ގުޅޭ ގޮތުން 3 މިނެޓްގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

ޖަމްއިއްޔާތަކުން މިހާތަނަށް ކުރަމުން އައި މަސައްކަތްތަކަށް ބަލާއިރު އެ ޖަމްއިއްޔާތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

 

"ވޭތުވެދިޔަ ދުވަސްތަކުގައި މަދަނީ މުއައްސަސާތަކުން ޖަމްއިއްޔާތަކުން، ޖަމާއަތްތަކުން ކޮށްފައިވާ ބުރަ މިންނެތް މަސައްކަތަށް ބަލާއިރު އެ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެހީތެރިވެ އެއްބާރުލުން ދީފައިނުވާ ކަމީ ޤަބޫލުކުރަން ޖެހިފައި އޮތް ހަޤީޤަތެއް. ﷲ އިރާދުކުރެއްވިއްޔާ ރައީސް ސޯލިހްގެ ސަރުކާރުން އަޅުގަނޑުމެން އެ ހަޤީޤަތް ބަދަލުކުރާނަން. ޖަމިއްޔާ ޖަމާއަތްތަކާއި ގުޅޭ މަދަނީ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ އެ މުއައްސަސާތަކާއެކު މަޝްވަރާކޮށްގެން އެކުވެރި މާހައުލެއްގައި" އިމްރާން ވިދާޅުވިއެވެ.  

ފޯރަމްގެ މައިގަނޑު ތިން މަޤްސަދަކީ މަދަނީ ޖަމްއިއްޔާތައް ހިންގުން ހަރުދަނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމްއިއްޔާތަކުގެ މަސައްކަތް ފޯކަސް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޖަމްއިއްޔާތައް ހިންގުމަށްޓަކައި މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މަދަނީ ޖަމްއިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެންބަރުން ހޯދާ ކުންފުނިތަކަށް ދައުވަތުދީގެން އެއްތަނަކުން ޖަމްއިއްޔާތަކުގެ އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހި ކޮށްދިނުމަށްޓަކައި މަދަނީ ޖަމްއިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް