Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2019 | ހޯމަ 11:47
ދިވެހިންގެ ތެރޭގައި އާންމު ކަމެއް ކަމުގައިވާ ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވޭ
ދިވެހިންގެ ތެރޭގައި އާންމު ކަމެއް ކަމުގައިވާ ދުފުމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވޭ
މުހައްމަދު ޝަރުހާން
ކެންސަރު ބަލީގެ ދުވަސް
ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ބާވަތަކީ އަނގައިގެ ކެންސަރު: ތަފާސް ހިސާބު
30-50 އިންސައްތައަކީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކެންސަރު ޖެހޭ
މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު ބާވަތަކީ އަނގައިގެ ކެންސަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އާދިއްތަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަ އާއި އެންސްޕާއިން 2016 ވަނަ އަހަރު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެ އާންމު ކެންސަރުގެ ބާވަތަކީ އަނގައިގެ ކެންސަރެވެ. އަދި އެހެން ދިމާވަނީ ދިވެހިންގެ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުފުމާއި ސުޕާރީ ކެއުން ފަދަ ކަންކަމުގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ބަޔާނުގައި ބުނެފައިވަނީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންގެ 30 އިންސައްތަ ނުވަތަ 50 އިންސައްތަ މީހުންނަށް ކެންސަރު ޖެހުމަށް މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކަމަށެވެ. އަދި އެފަދަ އާދަތަކާ ދުރުވުމުން ބަލިން ސަލާމަތްވެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. 

އަނގައިގެ ކެންސަރުގެ އިތުރުން ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓްރޭޓް ކެންސަރު ފަދަ ބާވަތްތައް ހިމެނޭއިރު، އަންހެނުންނަށް ޖެހޭ ކެންސަރު ބަލީގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށްވާއިރު، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައިޖީއެމްއެޗުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންހެނުންނަށް ޚާއްސަކޮށްގެން ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކެއް ހޯމަ ދުވަހުގެ މެންދުރު 01:00 ގައި އައިޖީއެމްއެޗްގައި ފަށާއިރު، އެޗްޕީއޭއިން ކެންސަރާ ގުޅޭގޮތުން ހޭލުންތެރި ކުރުމަށް އަންގާރަ ދުވަހު ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް