Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2019 | އާދީއްތަ 22:55
ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް
ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް
މުރުޝިދް އަބްދުލް ހަކީީމް
ރައްޔިތުންގެ މަޖިލިސް 2019
މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
ޖިނާއީ އަދުލުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވި
ޖޭއެސްސީ އިސްލާހު ކުރަން ޖެހޭކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން ކަމަށް ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ނިޝާން ވިދާޅުވީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށާއި، އެކަން ހައްލުކުރުމަށްޓަކައި ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަދަލުތަކަކާއި އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް އެކަށޭނަ މަޖިލީހެއް ޤާއިމުވެފައި އޮންނަން ޖެހޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ. 

"އަޅުގަނޑު ޤަބޫލުކުރަނީ މި ވިސްނުން ހުންނަ މެމްބަރުންނޭ މަޖިލީހަށް ގެންނަންވާނީ. މަޖިލީހަށް ގެންނަންވާނީ މި ފަންނަށް ސްޕެޝަލައިޒްވެފަ ތަހައްސުސްވެފަ މިކަންކަން ކުރެވޭނެ ވަރުގެ ލަޔާގަތާ ޤާބިލުކަން ލިބިފަ ހުރި މީހުންނޭ މަޖިލީހަށް ގެންނަން ވާނީ. ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކޮށްފައިވާ ސަރުކާރުގެ ޓާރމްސްގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދޭވަރުގެ ހެއުލަފާ ރަނގަޅު މީހުންނޭ، މިކަންކަން ކުރުމުގެ ވިސްނުން ހުރި، މިކަންކަން ކުރުމުގެ އިލްމާއި ޤާބިލުކަން ލިބިފައިވާ، މިކަންކަމަށް ގޮތެއް ނިންމުމުގެ ވިސްނުން ހުރި ދުުރު ރާސްތާ ޕްލޭންތަކެއް އޮތް، ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭ ރަނގަޅު ބަޔަކު މަޖިލީހަށް ގެނެސްގެން މިކަމަށް ހައްލު ގެނައުމަކީ މިވަގުތު ދިވެހި ރައްޔިތުން އަތުކުރި އޮޅައިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން" ނިޝާން ވިދާޅުވިއެވެ.  

ޤާނޫނަށް ބަދަލު ގެނައުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، ރައީސްގެ ވައުދުފުޅުތަކާއި އެމްޑީޕީގެ 'މަޖިލިސް19 އެޖެންޑާ' ގައި ހުރި ބަދަލުތަކުގެ އެހީގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ރައީސްއަށް ކުރެވިދާނެ ކަންކަމަށް ބަލާއިރު، ވަކި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާ، އައްޔަނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ ޖޭއެސްސީއިން ކަމަށް ނިޝާން ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި ރައީސަށް އެހީވާނެ ފުލް މެޖޯރިޓީ އޮންނަ މަޖިލީހެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ހުށައަޅާ ބިލުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަ ކުރަމުން ނިޝާން ވަނީ މަޖިލިސް 19 ގެ އެޖެންޑާގައި ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށައަޅާފައިވާ ކަންކަމަށް ތާއީދުކުރައްވައި ވާހަކަދައްކަވާފާއެވެ. 

އެމްޑީޕީން 19 ވަނަ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެޖެންޑާގައި ވާގޮތުން އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ނުބެލުމާއި، ހައި ކޯޓުގެ އުތުރު އަދި ދެކުނު ގޮފި އުވާލުމާއި، ސުޕްރީމް ކޯޓުން ހުޅުވާލައިގެން އަޑުއެހުމެއް ނުބާއްވައި، އަމުރު ނުނެރުމުގެ އިތުރުން ކޯޓުތަކުން ބަލާ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުން ހުއްޓާލުމާއި، ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން ފަދަ ކަންކަން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
4 ފެބްރުއަރީ 2019 | ހޯމަ 08:12
MISTAKE
Thiyaee Amilla fenvaru olhifaa huri meeheh
4 ފެބްރުއަރީ 2019 | ހޯމަ 05:27
ކާފަ
ދިފާޢީ ވަކީލުންގެ އަތްމައްޝަށް ޤާނޫނު ދޯކޮށްލީމާ ވާނެގޮތެއް ވިސްނާލަންދަތި. މަޖިލީހަށް އަންނަންވާނީ ޤައުމަށް ހެޔޮއެދޭ މީހުން