ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި އދ.އިން ކޮށްފައިވާ މަރުގެ ތަހުގީގު ނިންމާލައިފިއެވެ.
އދ.އިން ޚަޝޯގީގެ މަރުގެ ތަހުގީގު ކޮށްފައިވަނީ ތުރުކީގައެވެ. އެތަހުގީގުގައި އދ.ގެ ޓީމް ތުރުކީގައި ވަނީ ހަފްތާއެއްހާ ދުވަހު ތިބެފައެވެ.
އދ.ގެ ޚާއްސަ ރެޕަޗުއަރ އޮން އެކްސްޓްރާ ޖުޑީޝަލް އެގްޒެކިއުޝަންސް އެގްނަސް ކެލެމާޑް ވިދާޅުވީ ތަހުގީގުގައި ތުރުކީގެ މަތީފަންތީގެ ޕްރޮސެކިއުޓަރުންނާއި މިނިސްޓަރުން އަދި އިސްފަރާތްތަކުން ދެއްވި މައުލޫމާތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. ކެލެމާޑަށް ތުރުކީގެ ތަހުގީގު ޓީމުން ވަނީ ޚަޝޯގީ މަރާލިއިރު ރެކޯޑް ކޮށްފައިވާ އޯޑިއޯ ވެސް އަޑު އިއްވާފައެވެ.
މި ތަހުގީގުގައި ސައުދީން އެކަށީގެންވާ އެއްބާރުލުމެއް އދ.އަށް ދީފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި ތުރުކީގައި ހުންނަ ސައުދީގެ އިމާރާތަށް ވަނުމަށް ހުއްދަ ނުދިނުމާއި ޚަޝޯގީގެ މަރާއި ގުޅޭގޮތުން ކެލެމާޑަށް އިންޓަވިއު ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓް ބުނެއެވެ.
ތުރުކީން ބުނަމުން އަންނަނީ ޚަޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. ޚަޝޯގީގެ މަރުގެ ތުހުމަތުތައް ކުރެވެނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުވި ކަމުގައި ވިއަސް ސައުދީއިން އެކަން ދޮގު ކުރެއެވެ.