އަވަށްޓެރި ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމައިފިއެވެ.
ލަންކާގެ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވާއިދު ތަސްދީގު ކުރައްވާނީ ރައީސް މައިތިރިޕާލާ ސިރިސޭނާ ކަމަށެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރާނީ ކޮންގޮތަކަށް ކަމެއް މިހާތަނަށް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ސްރީލަންކާގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 1976 ވަނަ އަހަރުއެވެ. އެ ފަހަރު ޖަލުގައި ތިބި ގައިދީން މަރާލާފައިވަނީ ދަންޖައްސައިގެންނެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައި ވަނީ، އެ ގައުމުގައި ޑްރަގް ޓްރެފިކް ކުރާ މީހުންގެ އަދަދު ގިނަވާތީ ކަމަށާއި، އެހެން ގައުމުތަކުގައި ވެސް ޑްރަގްގެ ކުށްތަކުގައި މީހުން މަރާކަމަށް ލަންކާގެ ސަރުކާރާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ސަރުކާރުގެ މި ނިންމުން އައިސްފައި މިވަނީ ނިމިގެން ދިޔަ ހަފްތާގައި ޑްރަގްތަކެއް އަތުލައިގެންފައިވާ ދަނޑިވަޅެއްގައެވެ. ސިރިސޭނާ ރައީސް ކަމާއި ހަވާލުވެވަޑައިގަތް ފަހުން 2016 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގައި ބަޔަކު މަރަލާފައިވާއިރު، ހިއުމަން ރައިޓްސް ގްރޫޕްގެ ފާޑު ކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ލަންކާގެ ޖަލުތަކުގައި 1299 ގައިދީންނަށް މަރުގެ އަދަބު ދޭން ހުކުމް ކޮށްފައިވާއިރު އޭގެ ތެރެއިން 48 މީހުންނަކީ ޑްރަގްގެ ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނެވެ. ޑްރަގްގެ ކުށްތަކުގައި 18 މީހުން މަރަށް ހުކުމް ކޮށްފައިވާއިރު ބާކީ ތިބި 30 މީހުންގެ މައްސަލަތައް އަދިވެސް އަޑުއެހުންތައް ކުރިއަށްދާ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވެ ދިޔަ މަހުގައި ލަންކާގެ ފުލުހުން ވަނީ އެޕާޓްމެޓެއްގެ ތެރެއިން 90 ކިލޯ ގްރާމްގެ ޑްރަގް އަތުލައިގެންފައެވެ. އެމައްސަލާގައި ލަންކާގެ ދެމީހުންނާއި، އެމެރިކާގެ ދެމީހުންގެ އިތުރުން ޢަފްޢާނިސްތާނުގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވާހަކަ ދައްވަމުން އިންޓަނޭޝަނަލް ޑްރަގް ޕޮލިސީ ރިސާޗް ގްރޫޕްގެ ހިއުމުން ރައިޓް އެކްޓިސްޓް ޖާޑާ ޖިރެއްލީ ބުނީ، މީހުން މެރުމަކުން ޑްރަގް ކުށް މަދު ކުރެވޭނެ ކަމުގެ ހެއްކެތް އެއްވެސް ގޮތަކަށް ފެންނަން ނެތް ކަމަށާއި، އެކަން ކުރުމުގެ ސަބަބުން މަރުވަމުންދާނީ ލަންކާގެ ރައްޔިތުން ކަމަށެވެ.